ޚަބަރު

ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި


ކޮމިއުނިކޭޝަންސް
އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފިއެވެ.



މިދިޔަ މަހުގެ
ފަންސަވީސް ވަނަދުވަހު ރައްޔިތުން މަޖިލީހުން ފާސްކުރި މިބިލަކީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޕޯސްޓުގެ އެންމެހައި
ކަންކަން ރާވައި ހިންގާނެ ގޮތްތަކާއި އުޞޫލުތައް ކަނޑައެޅުމާއި، އެ ދާއިރާތަކުގައި
ޚިދުމަތްދޭ ފަރާތްތަކާގުޅޭ އެންމެހައި ކަންކަން ހިންގުމާއި، ޓެލެކޮމިއުނިކޭޝަނާއި
ޕޯސްޓުގެ ދާއިރާ، އަދި ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓުކުރަން ބޭނުންވާ
ނިސްބަތަށް އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާގުޅޭ ކަންކަން
ރެގިއުލޭޓުކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ
މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމުގެ ޤާނޫނެވެ.



މި ގާނޫނަށް ޢަމަލުކުރަން
ފަށާތާ އެއްމަސްދުވަހުގެ ތެރޭގައި މި އޮތޯރިޓީ ހިންގުމަށް ފަސް މެމްބަރުންގެ
ބޯޑެއް ރައީސުލްޖުމްހޫރިއްޔާ
އެކުލަވާލަންޖެހެއެވެ.



މި ޤާނޫނަށް
ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން
ތިން މަސްފަހުންނެވެ.