މުނިފޫހިފިލުވުން

ރެއިލްވޭގައި ލަވަކީ ރާނޫގެ ބަޔޯޕިކް އަންނަ އަހަރު


ލަތާ މަންގޭޝްކަރްގެ މަޝްހޫރު ލަވަ "އެކް ޕިޔާރުކަ ނަގްމާ ހޭ" ކިޔައިގެން މަޝްހޫރުވި އިންޑިއާގެ ވެސްޓް ބެންގާލަށް އުފަން ރާނޫ މޮންޑާލް އަށް އުފައްދާ ބަޔޯޕިކް އަންނަ އަހަރަށް ރިލީޒްކުރަން ނިންމައިފިއެވެ.

ރެއިލްވޭ ސްޓޭޝަނެއްގައި ހުރެ ރާނޫ ކިޔާފައިވާ މި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވީޑިއޯއަށް ވަނީ ލިބިފައެވެ. އަދި ބައެއް މަޝްހޫރު މިޔުޒިޝަނުންގެ ސަމާލުކަމަށްވެސް މި ވީޑިއޯ ވަނީ އައިސްފައެވެ. މިގޮތުން މި ވީޑިއޯ ފެނި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިޔުޒިކް ކޮމްޕޯސަރ ހިމޭޝް ރޭޝްމިޔާ ވަނީ ރާނޫއަށް ލަވަކިޔުމުގެ ޗާންސެއް ދީފައެވެ.

މިދިޔަ އަހަރު ދެއްކި ހިމޭޝްގެ ފިލްމު "ހެޕީ ހާޑީ އެންޑް ހީރް" ގެ ލަވަ "ތެރި މެރީ ކަހާނީ" ކިޔާފައިވަނީ ރާނޫ އެވެ.

"މިސް ރާނޫ މާރިއާ" ގެ ނަން ދީފައިވާ ރާނޫގެ މައްޗަށް އުފައްދާ މި ބަޔޯޕިކް ޑައިރެކްޓް ކުރާނީ ހިރިކޭޝް މޮންޑަލް އެވެ.
ބެންގާލީ ބަހުން ފުރަތަމަ ރިލިޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ޕްރޮޑަކްޝަން ޓީމުން މިހާރު ނިންމާފައިވަނީ ފިލްމު ހިންދީ ބަހުން ރިލީޒްކުރުމަށެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗް ނުވަތަ އޭޕްރީލް މަހުއެވެ.