ކުޅިވަރު

ޓްރެއިނިންގް ކޭންޕަކަށް ޒުވާން ޓީމް ޅ.އަތޮޅަށް


އަށް ދުވަހުގެ ޓްރެއިންގް ކޭންޕަކަށް 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ޅ. އަތޮޅަށް ފުރައިފިއެވެ. މިކޭންޕް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިޓީމް މިކޭންޕްގައި ޅ. އަތޮޅު ނައިފަރާއި، ހިންނަވަރާއި، ނ. އަތޮޅު ކުޑަފަރީ އާއި ހޮޅުދޫގެ އިތުރުން ރ. އަތޮޅު މީދޫގެ ޓީމުތަކާއެކު މެޗްތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިމެޗްތަކުގެ އިތުރުން މިރަށްތަކުން ފާހަގަކުރެވޭ ކުޅުންތެރިންގެ މެދުގައި ޓްރަޔަލްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ޒުވާން ޓީމުން ފަސް މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، މިޓީމަށް އިރުޝާދު ދެމުން އަންނަނީ ޓީމުގެ ދެ އެސިސްޓެންޓް ކޯޗުންކަމަށްވާ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ސަބާހު މުޙައްމަދު އިބްރާހީމާއި ވެލެންސިއާ ކުރީގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޝާހިދު (ޝާޑު)އެވެ. ޅ.އަތޮޅަށް ފުރުމުގެ ކުރިން މީޓީމުން ވަނީ މާލޭގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ޅ.އަތޮޅަށް ފުރާފައިވާ ޓީމުގައި 30 ކުޅުންތެރިން ހިމެނޭއިރު، ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކުޅެފައިވާ ގިނަ ކުޅުންތެރިން ހިމެނެއެވެ.

23 އަހަރުން ދަށުގެ ގައުމީ ޓީމް ފަރިތަކުރުންތައް ފަށާފައިވަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ރާއްޖެ ކުޅޭ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށެވެ. މިކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރައިން އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. މިގުރޫޕްގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައި ވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމާއި ކޮލިފައިންގައި ހިމެނޭ 11 ގްރޫޕުގެ ތެރެއިން 2 ވަނަ ހޯދާ ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމެވެ.

ރާއްޖޭގެ ފުރަތަމަ މެޗްގައި އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހު ނުކުންނާނީ އިރާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި 29ވަނަ ދުވަހު ބަހްރެއިންއާއި ދެކޮޅަށް ކުޅުމަށްފަހު ގުރޫޕުގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަފްޣާނިސްތާނާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.