ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުތަކަށް ފުރުޞަތު ދޭންޖެހޭ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުތައް ބޭނުންކުރުމުގެ ފުރުޞަތު އެ މީހުންނަށް ލިބިދޭންޖެހޭކަމަށް ބަންޑާރަ ނާއިބް އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ކުރައްވައިގެން ބާއްވަވާ ޤައުމީ މަޢުރަޒް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތު ބޭއްވެވީ މިއަދު ހަވީރު ނޭޝަނަލް އާރޓް ގެލަރީގައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކުރައްވައިގެން ނޭޝަނަލް އާރޓްގެލަރީގައި ކުރިއަށްގެންދަވާ ޤައުމީ މަޢުރަޒު "ރެދަން" ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. މިރަސްމިއްޔާތުގައި ވަނީ ލޮލުގެ ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށް ތަޢުލީމް އުނގަންނަވައިދެއްވާ ފަރާތަކަށް އެހީވެދެއްވުމަށް ފަރުމާކުރައްވާފައިވާ ފޮތެއް ކަމުގައިވާ ތާނަ ޑްރައިވް ފޮތް އިފްތިތާޙު ކުރައްވާފައެވެ. މި ފޮތް އިފްތިފާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރަމުން އަންނަ މަސައްކަތްތަކާއި ތައްޔާރުކުރާ ތަކެތި ދައްކާލެއްވުމަށާއި މިތަކެތި ވިއްކުމާއި އަދި ވިއްކާނެ މަގު ތަނަވަސްކޮށްދެއްވުމަށް ބާއްވަވާ މަޢުރަޒެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރިކުރުމަށް ޝައުޤުވެރި ޒުވާނުންނަށް އެކަމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީވެސް މި މަޢުރަޒު ބޭއްވެވުމުގެ މުހިންމު ބޭނުމެކެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ދައުލަތުގެ ބަންޑާރަ ނާއިބް އަލްއުސްތާޛް މުޙައްމަދު އަނިލް، މިމަޢުރަޒު ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ހުނަރުވެރި ބައެއް ކަމަށެވެ. އަދި އެމީހުންގެ ހުނަރު ދައްކާލައި އެ ހުނަރެއްގެ ރޮނގުން ކުރިޔަށް ދިއުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށެވެ. އެކަން ކޮށްދިނުމަށް އަލްއުސްތާޛު މުޙައްމަދު އަނިލް ބާރުއެޅުއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަށް އެފަދަ މީހުންނަށް ބޭނުންވާ ތަޢުލީމީ ފުރުޞަތުތަކާއި ބޯހިޔާވަހިކަމުގެ ފުރުޞަތުތަކާއި ދުޅަހެޔޮ ޞިއްޙަތާއި މުނިފޫހި ފުލުވުމުގެ ފުރުޞަތުތަކާއި ދީނީ ކަންކަމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށެވެ. ރާއްޖޭގެ އާބާދީގެ ދިހައެއް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަން ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ޓީޗަރުން ތަމްރީންކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދަވާކަމަށެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފެށޭއިރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޙާއްޞަކޮށްގެން ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް އިސްލާމިކް މިނިސްޓްރީއާ ގުޅިވަޑައިގެން ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ގިނަ ޚިދުމަތްތައްކެއް ލިބޭގޮތަށް މަލްޓިޕާޕޯސް ބިލްޑިންގއެއް އެޅުއްވުމުގެ މަސައްކަތް އިކޮނިމިކް މިނިސްޓްރީއާއި ގުޅިވަޑައިގެން މިހާރު ކުރިއަށް ގެންދަވާކަމަށް އަނިލް ވިދާޅުވިއެވެ.ދެދުވަހުގެ މުއްދަތައް އާރޓް ގެލެރީގައި ބާއްވަވާ މިފަހަރުގެ މައުރަޒް ރެދަންގެ ޝިޢާރަކީ " ފަންނުވެރި އަހަރުމެން "، މި ޝިއާރެވެ.