ގުރޭޑު 1ގެ ކުދިންގެ ޤުރުއާން ފޮތުން ފާހަގަވެފައިވާ މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ގުރޭޑު 1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓުކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ. މިކަން މިނިސްޓްރީއަށް ފާހަގަވި ހިސާބުން އެކަން ޙައްލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އެންއައިއީ އިން ފަށާފައިވާކަމަށެވެ. އެގޮތުން މައްސަލަ ދިމާވި ޤުރުއާން ފޮތުގެ އެސަފްޙާ ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން މިމައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ސްކޫލް ކުދިންގެ އިސްލާމް ފޮތްތަކުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެފޮތަށް ބައެއް ބަދަލު ގެންނާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދިޔުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް މިފަދަ އެއްވެސް ބަދަލެއް އިސްލާމް ފޮތަށް ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަނުންވަނީ ހާމަކުރައްވާފައެވެ.