ޚަބަރު

ތަރައްޤީގައި މިހާރަށް ވުރެ ބޮޑަށް ހިއްސާވާން ބޭނުން- އިންޑިޔާ


އިންޑިޔާއިން ރާއްޖޭގެ
ތަރައްޤީގައި މިހާރަށް ވުރެއް ބޮޑަށް ހިއްސާވާން ބޭނުންފުޅުކަމުގައި، އިންޑިޔާ
ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ މިއަދު
ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ،
މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި
އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން
އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މިއަދުގެ ބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި އިންޑިޔާއާ
ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ
އަހަރުކަން ފާހަގަ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި
އިންޑިޔާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އިންޑިޔާ ސަރުކާރަށާއި
ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން،
ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގާތް ގުޅުން އިތުރަށް
ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ
ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.



މިބައްދަލުކުރެއްވުމުގައި،
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ
ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން
އެފެއާޒް އަލްފާޟިލާ ފާޠިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.