ޚަބަރު

ބ.ފެހެންދޫ ބަނދަރު ބޭނުން ކުރަންފެށި ރައްޔިތުންގެ ހުވަފެން ހަޤީގަތަކަށް


ބ.ފެހެންދޫ ބަނދަރަށް ވަދެނުކުމެވޭ ގޮތް ވުމާއި ރަށުން ބޭނުންތާކަށް ފުރުމަކީ ހަމަގައިމުވެސް ރަށުގެ ކޮންމެ މީހަކުވެސް ބޭނުންވާނެގޮތެވެ. އެކަން މި އަހަރާ ހަމައަށް ލިބިިފައި ނެތް މަދުރައްތަކުގެ ތެރޭގައި ބ.އަތޮޅު ފެހެންދޫ ހިމެނެއެވެ. އެހެން ނަމަވެސް މިހާރު ބަނދަރުގެ ބޮޑުބައެއް ނިމި އެރަށު މީހުން މިހާރުވަނީ ބަނދަރުގެ ބޭނުން ކުރަންފަށާފައެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2019 ވަނައަހަރު ފަހުކޮޅުއެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ބަނދަރުގެ މަސައްކަތު ސްޕީޓް ދަށްވި ނަމަވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މައުލޫމާތުދެއެވެ. ބަނދަރުގެ އުފާ މިހާރު ލިބެމުންދާ ފެހެންދޫ މީހުން މީގެ ކުރިން ދަތުރުފަތުރުކޮށް އުޅުނީ ކުދި ޑިންގީ ތަކުގައި ފަޅުތެރެއިންނެވެ. ވަދެނުކުމެވޭ ގޮތެއް ނެތުމުން ހާލުބޮޑުވެގެން ބަލި މީހުން އުފުލަން ޖެހެނީވެސް މި ކުދިކުދި ޑިންގީތަކުގައެވެ. ދިޔަވަރު ހިކި ގަޑިތަކުގައި ދަތުރު ކުރުމުން މީގެ ކުރިން މަޙްރޫމްވި ނަމަވެސް މި ބަނދަރާއެކު މިހާރު ލަފާފުރުމުގެ ފަސޭހަ ވަނީ ލިބެންފަށާފައެވެ. އަތޮޅު ފެރީ އާ މާލެ ދަތުރު ކުރާ ލޯންޗްތަކާ މުދާ އުފުލާ ބޯޓުތައް މިހާރު ރަށު ބަނދަރަށް ކައިރިކުރާތީ އެމީހުން މީގެ ކުރިން މިތަކެތި ގެނައުމަށް ކުރި ހޭދަ މިވަނީ ބޮޑުތަނުން ކުޑަވެފައެވެ. ކުރިން ލޯންޗާ ފެރީ ކައިރިކުރަނީ އެއްފަޅެއްތެރޭގައި އޮންނަ ގޮއިދޫ ބަނދަރަށެވެ. މިގޮތަށް ގެންނަ މުދާ ރަށަށް ގެނައުމަށް ޚަރަދުކުރަމުން އައި އައުން މިވަނީ މާޒީވެފައެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މުޅި މަސައްކަތުގެ %90 ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ހިލަ ޖެއްސުމާއި ބަނދަރަށް އަރާ ފޭބުމަށް ބޭނުން ކުރާ ބްރިޖް އެޅުމުގެ މަސައްކަތެވެ. ބްރިޖްގެ 91 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން މިބަނދަރު ތަރައްޤީ ކުރޔުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ބަނދަރު ހެދުމުގައި މައްސަލަތަކެއް ކައުންސިލަށް ފާހަގަކުރެވޭކަމަށާއި، އެކަންކަން ހައްލު ކުރުމަށް އެމްޓީސީސީ އާއެކު މަޝްވަރާތަކެއް ފަށާފައިވާއިރު، އޭގެތެރެއިން ބައެއްކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 45.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.