ކުޅިވަރު

ވިމެންސް ސުޕަރ ލީގުގެ ފުރަތަމަ މެޗް ޔުނައިޓެޑް ވިމެންއަށް


އިނގިރޭސި އެފް އޭ ވިމެންސް ސުޕަރ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗް މެންޗެސްޓަރ ޔުނައިޓެޑް ވިމެން ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ދަށުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ރެޑިންގ ވިމެން އާއި ބައްދަލުކޮށް 2 ލަނޑު ސުންލަނޑުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު 39 ވަނަ މިނެޓްގައި ޖެހީ ޔުނައިޓެޑްގެ ކަރސްޓީ ހެންސަންއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖެހީ އޯނާ ބެޓްލްއެވެ. މިމެޗްގައި މީގެއިތުރުންވެސް ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. މިމެޗްގައި ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ރެޑިންގ ގެ ބްރޫކް ޗެޕްލިން ފޮނުވާލީ ހަމަލާއެއް ގޯލް ދަނޑީގައި ޖެހިފައި ބިންމަތީ ޖެހި ބޭރަށް ނުކުތެވެ. އަދި ފަހުން ރިޕްލޭ ބެލުމުން ބޯޅަ ގޯލް ތެރެއަށް ބަދެފާވާކަން ހާމަވެގެންދިޔައެވެ. ނަމަވެސް ވިމެންސް ސުޕަރ ލީގުގައި އަދި ގޯލް ލައިން ޓެކްނޮލޮޖީ އާއި ވިއޭއާރު ބޭނުން ކުރެވެމުން ނުދާތީ އެހަމަލާ ލަނޑެއް ކަމަކަށް އެވަގުތު ބެލިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެޑިންގ ގެ ކޯޗް ކެލީ ޗޭމްބަރސް ބުނީ ސްކައި ސްޕޯޓްސްއިން ދުރަށް ދެއްކި މިމެޗްގެ އެހަމަލާ ރިޕްލޭ ސްލޯކޮށް ދައްކާލުމުން މާބޮޑަށް އަސަރު ކުރާ ކަމަށެވެ. އެބޯޅަ ގޯލް ރޮނގު ހުރަސް ކޮށްފައިވާކަމަށާއި ނަމަވެސް މިއީ ހުރި ތަފާތުކަމަށް އޭނާ ހާމަކުރިއެވެ. މިއީ އެންމެ މަތީ ފެންވަރުގެ އަންހެނުންގެ މެޗް ތަކާއި އެންމެ މަތީ ފެންވަރުގެ ފިރިހެނުންގެ މެޗުތަކުގައި ހުރި ތަފާތުކަމަށް އޭނާ ހާމަކުރިއެވެ. ނަމަވެސް އަންހެނުންގެ ފުޓްބޯޅަ މިހާރު އޮތް ހިސާބުން ކުރިއަރުވަން ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދާކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި ފިރިހެނުންގެ މެޗްތަކެކޭ އެއްގޮތަށް އަންހެނުންގެ މެޗްތަކަށް ވެސް ބޭނުންވާ ޓެކްނޮލޮޖީ ދުރުނޫން މުސްތަޤްބަލެއްގައި ތައާރަފް ކުރެވޭނެކަމަށް އުންމީދު ކުރާކަމަށް ވެސް ކެލީ ހާމަކުރިއެވެ. ޔުނައިޓެޑްގެ ކޯޗް މާރކް ސްކިނަރ ހާމަކުރިގޮތުގައި ގޯލް ލައިން ޓެކްނޮލޮޖީ ތައާރަފް ކުރަން އޭނާ ފުރިހަމައަށް ތާއީދު ކުރާނެކަމަށެވެ. އަދި އޭނާ ދިރިހުއްޓާ އެކަންތައްތައް އަންހެނުންގެ ފުޓްބޯޅައަށް ތައާރަފް ކުރެވޭތަން ދެކެން ބޭނުންވާކަމަށްވެސް އޭނާ ހަމާކުރިއެވެ.

ލެސްޓަރ ސިޓީގެ ކުރީގެ ފޯވަޑް އެމީލް ހެސްކީ ހާމަކުރިގޮތުގައި ފިރިހެން ޓީމްތައްވެސް ބޭނުންކުރާ ސްޓޭޑިއަމްތައް އަންހެން ޓީމުތައް ބޭނުން ކުރާ ނަމަ މިކަންކަން އަވަހަށް ތައާރަފް ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މިކާމިޔާބީއާއެކު މެންޗެސްޓަރ ޔުނައިޓެޑް ވިމެން މިވަނީ އާސީޒަންގެ ފެށުން ރަނގަޅު ކޮށްފައެވެ.