ވިޔަފާރި

ރާއްޖެ ފަދަ ޤައުމުތަކަށް މާލީ ގެރެންޓީ ފޯރުކޮށްދިނުން މުހިންމު: މިނިސްޓަރ ފައްޔާޒް


ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ގެރެންޓީ ދިނުމަށް މާލީ އިދާރާތަކަށާއި އައިއެސްޑީބީގެ ބައިވެރިވާ ޤައުމުތަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

މިނިސްޓަރ ފައްޔާޒް ދަނީ މިވަގުތު އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ޑެލިގޭޝަންގެ ވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އައިއެސްޑީބީގެ ބައްދަލުވުން ތަކުގެ ތެރެއިން ގަވަރނަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ކަނޑައަޅާފައިވާ އެކްޓިންގް ގަވަރނަރުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މޫސުމީ ބަދަލުތަކަށް ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކުގައި އިންވެސްޓު ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިފަދަ އިންވެސްޓްމެންޓް ތަކުގެ ސަބަބުން، އިޔާދަ ކުރަނިވި ހަކަތައަށް މިޤައުމުތަކުން ބަދަލުވުމަށް މަގުފަހިވެ، މިދާއިރާއަށް ޚަރަދު ކުރުމުގެ ޖާގަ އިތުރަށް ލިބިގެންދާނެ ކަމަށެވެ.

އަދި މިކަން ޔަޤީން ކުރުމަށް މާލީ އިދާރާތަކުންނާއި، އެކުވެރި ޤައުމުތަކުން ނޫ އަދި ފެހި ގެރެންޓީތައް ދިނުމަށް މިނިސްޓަރ ފައްޔާޒް ވަނީ ގޮވާލައްވާފައެވެ. އެފަދަ ގެރެންޓީތައް ނުލިބޭނަމަ، ރާއްޖެ ފަދަ ޤައުމުތަކަށް ވީހާވެސް ކުޑަ ރޭޓެއްގައި އެހީތެރިކަން ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި، އިޖްތިމާޢީ އަދި ހިންގުމުގެ ދާއިރާގެ އިންވެސްޓަރުންނާއި ހަމައަށް ދެވެނީ މިފަދަ ގެރެންޓީތަކާއި އެކު ކަމަށާއި، މިހާރު މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މިދޭ ޔަޤީން ކަމާއި، އިޖްތިމާޢީ މައްސަލަތަކަށް ހައްލުހޯދުމަށް މިދޭ ޔަޤީންކަން ދެމެހެއްޓުމަށް މިކަން މުހިންމުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައިއެސްޑީބީގެ އަހަރީ އާންމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ ފައްޔާޒް ވަނީ އައިއެސްޑީބީގެ ރައީސް ޑރ. މުހައްމަދު އަލް ޔައްސާރު އާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދު ފުޅާ ކުރުމަށް އައިއެސްޑީބީގެ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.