ޚަބަރު

ވޭތުވެދިޔަ 10 އަހަރުގެ ޓްރެންޑް: މަސްތުވާތަކެތި ބޭނުންކުރާ އުމުރު 14އަހަރަށް


ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އެންމެ ހަގު އުމުރުގެ ގޮތުގައި 14އަހަރު ކުދިން ރެކޯޑް ކުރެވެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ނެޝަނަލް ޑްރަގް އެޖެންސީ ހެލްތު މިނިސްޓްރީގެ ދަށަށް ގެނައުމާއެކު، މަސްތުވާތަކެތީގެ ވަބާ މުޖުތަމަޢުން ނައްތާލުމަށްޓަކާ މިނިސްޓްރީންވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ ދިރާސާތަކުގެ މަޢުލޫމާތު، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޙިއްސާކުރައްވަމުން ހެލްތު މިނިސްޓަރުގެ ނައިބު ސަފިއްޔާ މުޙައްމަދު ސަޢީދު ވިދާޅުވީ ވޭތުވެދިޔަ 10ވަރަކަށް އަހަރުގެ ތެރޭގައި މި ދާއިރާގެ ރަނގަޅު ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތްކަމަށެވެ. އެންމެ ފަހުން މިކަމުގެ ދިރާސާއެއްކޮށްފައިވަނީ 2011ވަނަ އަހަރުއެވެ. މި ދިރާސާގައިން ދައްކާގޮތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރައަކީ 22އަހަރާއި 37އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ސަފިއްޔާ ވިދާޅުވީ ރެކޯޑްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވޭތުވެދިޔަ 10އަހަރުގެ ތެރޭގަ މި ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފަވާކަން، ހާމަވާކަމަށެވެ. އެގޮތުން ވަރަށް ޅަ އުމުރުގެ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ވަރަށް އުމުރުން ދުވަސްވީ މީހުންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ރެކޯޑްތަކުން ފެންނަކަމަށެވެ.

"ކުރިން ސިސްޓަމްގަ ރެކޯޑްވެފައިވާ އުމުރުފުރައަކީ 22އަހަރާ 37އަހަރާ ދެމެދު މީހުން. އެކަމަކު ފަހުގެ އަހަރުތަކުގަ 17އަހަރާ 68އަހަރާ ދެމެދުގެ އުމުރުފުރާގަ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބަތިބި. އަހަރުން އަހަރަށް މި އުމުރު އަންނަނީ ހަގުވަމުން. އެގޮތުން 14އަހަރުގެ ކުދިންވެސް ސަބްސްޓެންސް ޔޫސަރސްގެ ގޮތުގަ މިހާރު ރެކޯޑްކުރެވެމުންދޭ. އަދި ޖުވެނައިލް ކޭސްތަކަށް ބަލާއިރު 15އަހަރާ 17އަހަރާ ދެމެދުގެ ކުދިން ހިމެނޭ." ސަފިއްޔާ ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނެތް އެއްވެސް އަތޮޅެއް ރާއްޖެއަކު ނެތެވެ. އަދި މިއިން ކޮންމެ އަތޮޅެއްގެ ރެކޯޑްތަކަށް ބަލާއިރުވެސް ކުޑަކުދިން ހިމެނެއެވެ. ސަފިއްޔާ ވިދާޅުވީ ޅަ އުމުރުގައި ކުދިން މަސްތުވާތަކެތީގެ ޝިކާރައަކަށްވާ އެންމެ ބޮޑު ސަބަބަކީ އެކުގައި އުޅޭ ރައްޓެހިންގެ ކިބައިން އަންނަ ޕްރެޝަރުކަމަށް ސަފިއްޔާ ވިދާޅުވިއެވެ.

އަދި ދުރާލާ މިފަދަ ކުދިންނަށް އާއިލާއާ މުޖުތަމަޢުގެ އެހީ ލިބޭނަމަ، ޙާލަތު ރަނގަޅުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެންޑީއޭ ހެލްތު މިނިސްޓްރީއާ ހަވާލުވުމާއެކު، މިނިސްޓްރީންވަނީ ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް އެފަދަ ފަރާތްތަކަށް ޙާލަތުން އަރައިގަތުމަށް މުހިންމު ޕްރޮގްރާމްތަކެއް ރާވަން ފަށާފައެވެ. ސަފިއްޔާ ވިދާޅުވީ ވަކި ރަށެއް ބާކީނުކޮށް، ހުރިހާ މުޖުތަމަޢުތައް ހިމެނޭހެން ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެން ޕްރޮގްރާމްތައް ރާވާނީ އެ އުމުރަކަށް ގުޅޭގޮތަށް. އެގޮތުން ކުޑަކުދިންނަށް، އަންހެނުންނަށް، ޒުވާނުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް ފަރުވާ ދޭނެ ގޮތްތައް ރާވާނީ އެ ގްރޫޕަކާ ގުޅޭގޮތަށް. މީގެތެރޭގަ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، އިންސާނީ ވަސީލަތް ތަރައްޤީކުރާނަން. މީގެ އެންމެ ބޮޑު ރޯލެއް އަދާކުރޭ ނަފްސާނީ ދުޅަހެޔޮކަން. އެކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރާނަން." ސަފިއްޔާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީންވަނީ، މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ޓީމްތަކެއް ނެގުމަށް ނިންމާފައެވެ. މި ޓީމްތަކަކީ މުޖުތަމަޢާ ގާތުން، އަދި މިފަދަ ވަބާތަކަށް ހުށައެޅުމުގެ ކުރިންވެސް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޓްރެއިންކުރާ ޓީމްތަކެކެވެ. މި މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރުދަނީ ހެލްތު މިނިސްޓްރީން ކުރިއަށްގެންދަމުންނެވެ.