ދުނިޔޭގެ ވިޔަފާރި

އިންޑޮނޭޝިއާއާއި ޔޫއޭއީން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި


ދެ ޤައުމުގެ ދެމެދުގައި ވެވޭ އިންވެސްޓްމެންޓްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އެއްބަސްވުމަކާއި ބެހޭގޮތުން އިންޑޮނޭޝިއާއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން މަޝްވަރާކުރަން ފަށައިފިއެވެ.

މި އެއްބަސްވުމަކީ މިދިޔަ އަހަރު ދެ ޤައުމުގެ މެދުގައި ހިންގާފައިވާ 2.93 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުޢާމަލާތްތަކަށް ވުރެ 10 ގުނަ އިތުރަށް ދެ ޤައުމުގެ ވިޔަފާރިފުޅާވެގެންދާނެ އެއްބަސްވުމެއްކަމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރު ޘާނީ އަލް ޒީދީ ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ އޮފިޝަލް މުޙައްމަދު ލުޠުފީ ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުން ޤާއިމުކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށެވެ.

ޔޫއޭއީއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަސައްކަތް އިންޑޮނޭޝިޔާއިން ކުރަމުންދާއިރު ގަލްފް ސަރަޙައްދުތަކުގެ އިންވެސްޓްމަންޓްތައް ޝައުޤުވެރިކުރުވުމަށް އިންޑޮނޭޝިއާއިން ދަނީ މަސައްކަތްކުރަމުންނެވެ. ޚާއްޞަކޮށް ޔޫއޭއީން ދާދިފަހުން އެކުލަވާލާފައިވާ ސޮވްރަން ވެލްތް ފަންޑު ގައި އިންވެސްޓްކުރުމަށް އިންޑޮނޭޝިއާއިން ދަނީ މަސައްކަތްކުރަމުންނެވެ. ސޮވްރަން ވެލްތު ފަންޑުން 10 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެކަމަށް މިއަހަރު ކުރީކޮޅު ޔޫއޭއީންވަނީ ބުނެފައެވެ.

މީގެއިތުރުން އަންނަ ނޮވެމްބަރުމަހު އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޮޑޯ ޔޫއޭއީއަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާވުމާއިއެކު އިތުރު އިންވެސްޓްމެންޓްތައް އިޢުލާނުކުރާނެކަމަށްވެސް ވަނީ ބެލެވެއެވެ. މިއާއިއެކު ސްޓެއިންލެސް ސްޓީލް، އޮޓޮމޭޓިވް އުފެއްދުންތައް، ރަނުގެ ގަހަނާ އަދި އިތުރު އުފެއްދުންތައްވެސް ޔޫއޭއީއަށް ބޭރުކުރުން އިތުރުކުރުމަށްވެސް އިންޑޮނޭޝިއާއިން ދަނީ ވިސްނަމުންނެވެ.