ކުޅިވަރު

އިންޑިއާ ޓީމްގެ ޕްރޮވިޝަނަލް ސްކޮޑުގައި 40 ކުޅުންތެރިން


ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް އިންޑިޔާއިން ސާޅީސް ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑެއް އެކުލަވާލައިފިއެވެ.މި 40 ކުޅުންތެރިންގެ ތެރޭގައި އެ ޤައުމުގެ ސްޓޭޓް ލީގުގައި ކުޅޭ ކުޅުންތެރިންނާއި 19 އަހަރުން ދަށުގެ އެކަޑަމީއަށް ނިސްބަތްވާ 5 ކުޅުންތެރިން ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ އިންޑިޔާގެ ޤައުމީ ޓީމަށް އެޤައުމުގެ ފުރަތަމަ ޑިވިޝަންކަމަށްވާ އައި ލީގާ ސުޕަރ ލީގަށް ނިސްބަތް ނުވާ ކުޅުންތެރިން ހިމެނި ފުރަތަމަ ފަހަރެވެ. އިންޑިޔާގެ ޤައުމީ ޓީމުގެ ކޯޗް ސްޓެފެން ކޮންސްޓެންޓިން މި ސާޅީސް ކުޅުންތެރިންގެ ސްކޮޑު ނެގުމަށްފަހު ބުނެފައިވަނީ މިއީ މުޅި އިންޑިޔާއިން ނެގި ސްކޮޑެއް ކަމަށެވެ. މި ޓީމު މިއަދު ކޮޗިންގައި ކޭމްޕްކޮށް ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާއިރު އިންޑިޔާ ޓީމު ތަމްރީން ކޭމްޕަށް ދާނީ އަށާވީސް ކުޅުންތެރިންނަށް ސްކޮޑު މަދުކުރުމަށްފަހުގައެވެ. އަދި ސުޕަރ ލީގުގައި ކުޅޭ އިންޑިޔާ ޓީމުގެ މުހިންމު ކުޅުންތެރިންތައް ޓީމާ ގުޅޭނީ މިމަހުގެ ވިހިވަނަ ދުވަހު ސުޕަރ ލީގުގެ ކުޅުން ނިމުމުންނެވެ. މިމަހުގެ ތޭވީސްވަނަ ދުވަހު އިންޑިޔާގެ ޓްރިވަންޑްރަމްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕްގައި އިންޑިޔާ ހިމެނެނީ ޕާކިސްތާނާ، ނޭޕާލް ސްރީލަންކާއާއިއެކު ގްރޫޕް އޭގައެވެ.