ޚަބަރު

ކުޅުދުއްފުށީގައި ކޯވިޑް ފެސިލިޓީއެއް ޤާއިމްކޮށްދޭނެ ބަޔަކު ހޯދަނީ


ކުޅުދުއްފުށި ސިޓީގައި ކޯވިޑަށް ފަރުވާ ދިނުމަށް ފެސިލިޓީއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޢިއުލާންކޮށްފިއެވެ.

އެސިޓީގައި މިހާރު ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ވަގުތީ ގޮތުން ބޭނުންކުރަމުން އަންނަ ޢިމާރާތެކެވެ.

ކުޅުދުއްފުށީ ސިޓީގައި ފްލޫ ކްލިނިކެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު ޢިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބަޔަކު ހޯދުމަށް ހުޅުވާލާފައިވާއިރު ޝައުގުވެރިވާ ފަރާތްތަކުން ގެޒެޓްގައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު 1:30 އާހަމައަށް އީމެއިލް މެދުވެރިކޮށްވެސް މިކަމަށް ކުރިމަތިލެވޭނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ކުޅުދުއްފުށި ސިޓީގައި ކޯވިޑަށް ފަރުވާ ދެވޭނެ ރަނގަޅު ފެސިލިޓީއެއް ނެތުމުގެ ކަންބޮޑުވުން ހޮސްޕިޓަލުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ހިއްސާކުރައްވާފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ގިނަބައެއްގެ މިކަންބޮޑުވުން އެއްސެވުމަށްފަހު އެސިޓީގައި ކޯވިޑަށް ފަރުވާދެވޭނެ ވަޞީލަތްތައް ޤާއިމުކުމަށް ރައީސް ވަނީ ހެލްތު މިނިސްޓްރީއަށް އަންގަވާފައެވެ.

ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ސިޓީއެއްގެ އިތުރުން އުތުރުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ހުރި ސިޓީކަމަށްވާތީ އެސިޓީގައި ކޯވިޑަށް ފަރުވާދެވޭނެ ފެސިލިޓީއެއް ނެތުމަކީ އޭގެ ދަތިކަން އެސިޓީގެ ރައްޔިތުންގެ އިތުރުން އެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެހެން ރަށްރަށުން އަންނަ ފަރާތްތަކަށްވެސް އޮތްކަމެއްކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މޮނީޓަރިންގައި އޮންނަ ރަށްރަށުން އަންނަ ފަރާތްތަކަށް ފަރުވާދިނުމުގައިވެސް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ޕީސީއާރް ޓެސްޓު ހެދުމުގެ ވަޞީލަތް ކޭއާރްއެޗްގައި ޤާއިމުކޮށްފައިވާއިރު އަތޮޅުގެ 6 ރަށަކުން ހަދަންޖެހޭ ޕީސީއާރް ޓެސްޓުވެސް ހަދަނީ އެ ހޮސްޕިޓަލުންނެވެ. އުތުރުގައި ސަރުކާރުން ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީ ހުންނަނީ އެއަތޮޅު އިހަވަންދޫގައެވެ. މީގެ އިތުރުން ޕޮޒިޓިވްވެ ޙާލު ބޮޑުވާ މީހުންނަށް ށ.ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީގައިވެސް ފަރުވާދެއެވެ.