ވިޔަފާރި

އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް 2000 ދަނޑުވެރިންނާއެކު މަސައްކަތް ކުރުން: އެގްރޯނެޓް


އަންނަ އަހަރުގެ ނިޔަލަށް 2000 އަށްވުރެ ގިނަ ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ފާމިންގ މަސައްކަތް ފެށުމަކީ އަމާޒެއްކަމަށް އެގްރޯނެޓުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯނެޓް ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެއް އަމަލީގޮތުން ދަނޑުވެރިންނަށް ދެއްކުމެވެ. އެގްރޯނެޓުން ވިދާޅުވީ، އެ ކުންފުނިން ދަނޑުވެރިންގެ އަތުގައި ހިފައިގެން ދަނޑުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކޮށްދީ ދަނޑުވެރިންނާއިއެކު ދެމިތިބޭނެކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިމްޕޯޓްކުރާ ތަކެތި މަދުކޮށް ރާއްޖޭގެ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރު ދަށްކުރުންކަމަށެވެ.

ހާރޫން ވިދާޅުވީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ސިނާއަތަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައި، ރާއްޖޭގައި ފުޑް ސެކިއުރިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ފާމިންގ މަޝްރޫއުއަކީ އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް ފަށާފައިވާ މަޝްރޫއެއްކަމަށް ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު 700 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކު ސޮއިކޮށްފައިވާކަމަށެވެ. އަދި 500 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކު އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް 2000 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކު ކޮންޓްރެކްޓް ފާމިންގ މަސައްކަތް ކުރުންކަމަށް ހާރޫން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1000 ދަނޑުވެރިންނަށްވުރެ ގިނައިން އަޅުގަނޑުމެންނާއި އެކީގައި ކޮންޓްރެކްޓް ހަދައި އަމަލީ މަސައްކަތްކޮށް އަންނަ އަހަރުގެ ނިޔަލަށް 2000 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކީގައި ރާއްޖޭގެ ހުރިހައި ހިސާބެއްގައި މަސައްކަތް ކުރެވޭނެ ނިޒާމްތަކެއް ހަމަޖެހިގެން ދިއުން. އަޅުގަނޑުމެންނަށް ގިނަ އަދަދަކަށް މިތަކެތި ރާއްޖޭގެ ރައްޔިތުން ލައްވައި އުފެދިއްޖެކަމަށްވާނަމަ އަޅުގަނޑު ގަބޫލުކުރަނީ އިމްޕޯޓަށް ބަރޯސާވެފަ އޮތްއޮތުން ނިމުމަކަށް އަންނާނެއޭ." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް 15 ދަނޑުވެރިންނަށްވުރެ ގިނަވެއްޖެނަމަ އެ ރަށެއްގައި އެގްރޯނެޓްގެ މުވައްޒަފަކު ކަނޑައަޅާނެކަމަށެވެ. އަދި އެ މުވައްޒަފަކަށް ދޭންޖެހޭ ތަމްރީންދީ އެރަށެއްގެ ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށްދާނީ އޭނާގެ ބެލުމުގެ ދަށުންކަމަށެވެ. މީގެ ބޭނުމަކީ ދަނޑުވެރިންނާއި ވީހާވެސް ގާތުން މަސައްކަތްކުރުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.