ޚަބަރު

ޑްރަގް ރިހެބިލިޓޭޝަންގެ މަސައްކަތްތަކަށް ކޮންމެ ރަށަކުން ޓީމެއް ނަގަނީ


ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެހީވުމަށް، ރަށްރަށުން ޓީމްތަކެއް ނެގުމަށް ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެ އެޖެންސީގެ މަސައްކަތްތައް މިއަހަރުގެ މޭ މަހުގެ 5ވަނަ ދުވަހު ވަނީ ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

ނެޝަނަލް ޑްރަގް އެޖެންސީ ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއެކު މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގަ ކުރިއަށްދަނީ، މަސްތުވާތަކެތީ ޙާލަތު ރާއްޖޭގައި އޮތްގޮތް ދެނެގަތުމާއި، ކަންކަން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މިކަމާއި ގުޅޭ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވީ، މިނިސްޓްރީން އެންޑީއޭއާ ހަވާލުވެ ވޭތުވެ މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގަ 212 ކަމެއް އިސްލާހުކޮށްފަވާކަމަށެވެ. މީގެތޭރޭގައި އެންމެ ގިނައިން ހިމެނެނީ، އިދާރީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކެވެ.

"2012ވަނަ އަހަރުގެ ފަހުން ޑްރަގް ޙާލަތާ ގުޅޭ އެނަލިސިސްއެއް ހެދިފައެއް ނެތް. ރައީސްގެ އިސްނެގުމަށް ޑަވްލިއުއެޗްއޯ މެދުވެރިކޮށް ސިޗުއޭޝަނަލް އެނަލިސިސްއެއް މިވަނީ ހަދާފަ. މިފަހަރު ކަންކަން މި އިސްލާހުކުރަނީ ޑްރަގްގެ ކަންކަމާ ގުޅޭ ހުރިހާ އިދާރާތަށް އެކުގަ ތިބެގެން، އަދި ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުވާނެގޮތަށް." ޝަމާއު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސަފިއްޔާ މުޙައްމަދު ސަޢީދު ވިދާޅުވީ މިކަމާއި ގުޅޭ އާ އޮނިގަނޑުތައް އެކުލެވިގެން އަންނާނީ، އަތޮޅުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އިސް ދަޢުރަކާއެކުކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ޙާލަތު ހިމެނޭހެން އާއްމު ސިއްޙަތުގެ ކަންކަން ރަނގަޅުކުރުމަށް، ސިއްޙީ އެހީތެރިންގެ 3 މެންބަރުންގެ ޓީމެއް ތަމްރީންކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ ހިމެނޭނީ ކޮމިއުނިޓީ ހެލްތް އޮފިސަރަކާ، މެންޓަލް ހެލްތް މެންޑޭޓް ނަރސްއަކާ، މެޑިކަލް އޮފިސަރެއް. ޓްރެއިނިންއަށްފަހު މިޓީމަށް ދެނެގަނެވޭނެ މިފަދަ ވަބާތަކުގަ ޖެހިފަވާ މީހުން، ނޫނީ މުޖުތަމަޢުތެރެއަށް ނިކުތީމަ އެމީހުންނަށް ދެނެގަނެވޭނެ އެއްވެސް އަނިޔާއެއް ލިބެމުންދާ މީހަކު ހުރިތޯ. މީގެ އެންމެ ބޮޑު ބޭނުމަކީ މިކަހަމަ ކަމަކަށް ހުށައެޅުމުގެ ކުރިން، އެކަން ދެނެގަނެ ހުއްޓުވުން." ސަފިއްޔާ ވިދާޅުވިއެވެ.

މި ޓީމްތަކަށް ތަމްރީން ދިނުމަށް ޓްރެއިނީސް އޮފް ޓްރެއިނަރ(ޓީއޯޓީ)އިން ތަމްރީންކުރުމުގެ ތައްޔާރީތައް މިނިސްޓްރީން ފަށައިގެން ކުރިއަށްދާކަމަށް ސަފިއްޔާ ވިދާޅުވިއެވެ. އެގޮތުން އެކި އަތޮޅުތައް ހިމެނޭހެން 24 ކެންޑިޑޭޓުން ތަމްރީންކޮށް، އަތޮޅުތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް މިއަހަރުތެރޭ ފަށާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ސްކޫލް، ޔޫތު މިނިސްޓްރީ، ސޯޝަލް ސަރވިސް، ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިވެރިވުމާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެކެވެ. ހެލްތް މިނިސްޓްރީން ފަށާފައިވާ މަސައްކަތްތަކާއެކު، ދިގުރާސްތާގައި ހެޔޮ ބަދަލުތަކެއް ފެންނާނެކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.