ޚަބަރު

2 މަހަށްފަހު މާލެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 60އިން މައްޗަށް


ގިނަ ދުވަސްތަކަކަށްފަހު މާލެއިން އެއް ދުވަހެއްގެ ތެރޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 60 އިން މައްޗަށް އަރައިފިއެވެ.

އެންމެ ފަހުން މާލެ ސަރަޙައްދުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 60އިން މައްޗަށް ގޮސްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 173 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 68 މީހަކާއި އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވްވީ 89 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 16 މީހެކެވެ.

މާލެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު މިހާ މައްޗަށް މިދިޔައީ ދެމަހެއްހާދުވަހު ޢަދަދުތައް ދަށުގައި ހުރުމަށްފަހުއެވެ. ޖޫން މަހުގެ 23 އިން ފެށިގެން މިހާތަނަށް އައިއިރު އެވްރެޖްކޮށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ހުރީ 20އާއި 35އާއި ދެމެދުގައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދަ މީހުންގެ ޢަދަދުވަނީ 1895އަށް އަރާފައެވެ. މީގެތެރެއިން 24 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. މިއާއެކު މިބައްޔަށް ހުށައެޅުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 81474އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 72 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 79340އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 6418 މީހަކުވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަށް 226 މީހަކުވަނީ ނިޔާވެފައެވެ.