ޚަބަރު

ޖެޓްފިއުލް އަގުބޮޑުކުރީ ތެޔޮ ނެތިގެނެއް ނޫން: އެމްއޭސީއެލް


އެމްއޭސީއެލްގައި މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލް އަގުބޮޑުކުރީ ޖެޓްފިއުލް ނެތިގެން ނުވަތަ ތެޔޮ ލިބުން ދަތިވެގެން ނޫންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކުރައްވައިފިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކޮށްދޭ ކުންފުނިން ޖެޓް ފިއުލް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެގެން އުޅޭކަމަށެވެ. ނަމަވެސް ޖެޓް ފިއުލްގެ އަގުތަކަށް އެމްއޭސީއެލްއިން އެންމެފަހުން ގެނައި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ގެނައި ބަދަލެއްކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެހެންކަމުން އެމްއޭސީއެލްއިން ތެލުގެ އަގު ބޮޑުކުރީ ތެޔޮ ނުލިބިގެންކަމަށް ބުނެ މީޑިއާތަކުގައި ދައްކާ ވާހަކަތައް ވަނީ އެކުންފުނިން ދޮގުކޮށްފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެމްއޭސީއެލްއަށް ޖެޓް ފިއުލް ފޯރުކޮށްދޭ ފަރާތަށް ޖެޓް ފިއުލް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވިޔަސް، އެމްއޭސީއެލްއިން އަބަދުވެސް ތެލުގެ ރަނގަޅު ސްޓޮކެއް ގެންގުޅޭކަމަށެވެ. އަދި މިވަގުތު ތެޔޮ ލިބުމަށް ދަތިތަކެއް ހުރުމާއެކު، މިކަމުން އިތުރު އުނދަގޫތަކެއް ކުރިމަތިވިޔަ ނުދިނުމަށް އެއަރލައިންތަކަށްވެސް މިކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެއަރޕޯޓަށް ޖެޓްފިއުލް ތަށިކަން ކުރިމަތިނުވެ، އެއަރޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.