ޚަބަރު

ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގެ ޚިދުމަތް އަމިއްލަ ފަރާތަކަށް


އަތޮޅުތެރޭގައި ދިމާވާ ސިއްޙީ ކުއްލި ޙާލަތްތަކުގައި ސީއެމްބިއުލާންސް ހަމަނުޖެހުމުގެ ސަބަބުން ހިންގަމުންދާ ހިތާމަވެރި ޙާދިސާތައް މަދުކުރުމަށް އާސަންދައިން ކުރަމުންދާ މަސައްކަތުގެ ދަށުން މިޚިދުމަތް ފޯރުކޮށް ދިނުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އާސަންދަ ކުންފުނިންގ މިޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވަނީ ސްޕީޑު ލޯންޗުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެއްކަމަށްވާ އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

އަޖުމަ ބެލުމަށްޓަކާ މިޕްރޮޖެކްޓް ފަށަނީ އދ.އަތޮޅުންނެވެ. އެހެންކަމުން އދ.އަތޮޅުގެ ރަށެއްގައި ބަލި މީހަކު މާލެއަށާއި އެއްރަށުން އަނެއް ރަށަށް ގެންދިޔުމުގައި ސީއެމްބިއުލާންސް ހަމަނުޖެހޭ ޙާލަތްތަކުގައި އާސަންދަ މެދުވެރިކޮށް މިޚިދުމަތް ލިބިގެންދާނެކަމަށް އާސަންދައިން ވިދާޅުވެއެވެ.

އދ.އަތޮޅަށް އަމާޒުކޮށްގެން މިޕްރޮޖެކްޓް ފަށައިގަތްނަމަވެސް މިޚިދުމަތާ ގުޅިގެން އަންނަ ބަދަލުތައް ދެނެގަނެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަވަސް ޚިދުމަތެއް ދެވޭކަމަށް ފާހަގަކުރެވޭނަމަ އެހެން އަތޮޅުތަކަށްވެސް ފުޅާކުރާނެކަމަށް އާސަންދައިން ވިދާޅުވެއެވެ. އާސަންދައިން ވިދާޅުވީ ކުއްލި ފަރުވާގައި ދަތުރުކުރުމުގެ ޚިދުމަތް ދިނުމަށްޓަކާ އެކުންފުނިން ކަނޑައަޅާ ކެޕޭސިޓީއެއްގެ ސްޕީޑު ލޯންޗެއް ބަލި މީހާއަށް އަވަސް ފަރުވާއަށް ގެންދަންޖެހޭ ސަރަޙައްދަކަށް ގެންދިޔުމަށް ހަމަޖައްސައިދޭންޖެހެއެވެ. އަދި ޚިދުމަތަށް އެދޭތާ ވަކިވަގުތެއްގެ ތެރޭގައި ޚިދުމަތް ބަލި މީހާއަށް ލިބިގެންދާނެކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް މިޚިދުމަތް ދިނުމަށްޓަކާ އާސަންދައާއެކު ވެވުނު އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ. އަދި އެޗްއެމްއެޗްއައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އިބްރާހީމެވެ.

މީގެ ކުރިންވެސް ސީ އެމްބިއުލާންސް ނުލިބޭ ޙާލަތްތަކުން އަމިއްލަ ފަރާތްތަކުގެ ސްޕީޑު ލޯންޗުގައި ބަލި މީހުން އުފުލާފައިވާކަން އާސަންދަ ކުންފުނިންގ ފާހަގަކުރައްވައެވެ. އެހެންނަމަވެސް މިގޮތަށް އިންތިޒާމެއް ނެތި ކުރަންޖެހުމުގެ ސަބަބުން ބަލި މީހާގެ ފުރާނައަށް ނުރައްކާވާފަދަ ޙާލަތްތައް ކުރިމަތިވަމުންދާއިރު މިޚިދުމަތާއެކު މިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް އާސަންދައިން ދެކެއެވެ.