ސިއްހަތު

އަހަރުގެ ފުރަތަމަ 7 މަސްދުވަހު އާސަންދައިން 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ


އަހަރުގެ ފުރަތަމަ 7 މަސްދުވަހު އާސަންދަ ކުންފުނިން 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.

އާސަންދަ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި 3 ލައްކައަށްވުރެ ގިނަ މީހުން އާސަންދަ ސްކީމުން ޚިދުމަތް ހޯދާފައިވާކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދުމަށެވެ. އެގޮތުން މިތަންތަނުން ޚިދުމަތް ހޯދުމަށް 587 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ފާމަސީތަކުން ބޭސްދޫކުރުމާއި މެޑިކަލް ކޮންސިއުމަބަލްސް ދޫކުރުމަށެވެ. އެއީ 457.9 މިލިއަން ރުފިޔާއެވެ. ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާ ހޯދުމަށް މިހާތަނަށް 2817 މީހަކު ފޮނުވާފައިވާއިރު، އެމީހުންގެ ބޭސްފަރުވާއަށް ގާތްގަނޑަކަށް 102 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ބަލި މީހުން ގެންދިއުމަށް މެޑިކަލް އިވެކުއޭޝަންގެގޮތުގައި 2370 މީހަކަށް ދަތުރު ހަމަޖައްސައިދީފައިވާއިރު، އެކަންކަމަށް ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ މިހާތަނަށް އާސަންދަ ސްކީމުން ހޭދަކޮށްފައިވެއެވެ.

ޒީނިޔާ ވިދާޅުވީ، އާސަންދަ ސްކީމުން ފައިސާ ހަރަދުވާގޮތުގެ ޓްރެންޑަށް ބަލާނަމަ، ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވިފައިވީނަމަވެސް، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން ކެންސަރާއި، ހަކުރު ބައްޔާއި، ކޮލެސްޓްރޯލް ފަދަ ކަންކަމަށް ފަރުވާ ހޯދާ މިންވަރު އިތުރުވެފައިވާކަމަށް ޒީނިޔާ ވިދާޅުވިއެވެ.

"ރާއްޖެއަށް ބަލާއިރު ބޮޑަށް ހަމަ އަޅުގަނޑުމެންގެ އެންމެ ބޮޑު ޚަރަދެއް މިދަނީ ގައިންގަޔަށް ނާރާ ބަލިތަކަށް. މިސާލަކަށް ކެންސަރު ބަލި، ލޭ މައްޗަށް ދިއުން، ހަކުރު ބަލި، ނޫނީ ކޮލެސްޓްރޯލްފަދަ ކަންކަމަށް އެންމެ ހަރަދުތައް މަތީގައި އުޅެނީ. އޭގެ އިތުރުން އައިނު ހެއްދުމަށްވެސް ފުދޭވަރެއްގެ ހަރަދެއްދޭ. އަދި އެއްރަށުން އަނެއްރަށަށް ބަލިމީހުން އުފުލުން ނުވަތަ މެޑިކަލް އިވެކުއޭޝަންތަކަށްވެސް ގާތްގަނޑަކަށް 28 މިލިއަންވަރު މިހާތަނަށް ހަރަދުކުރެވިއްޖެ" ޒީނިޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކާއެކު 2020ވަނަ އަހަރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މީހުން ފޮނުވުމުގައި ދަތިތަކެއްދިމާވި ނަމަވެސް، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އޭރު ނުދެވި ތިބި ގިނަ ބަޔަކު މިހާރު ފޮނުވާލާފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ. ޒީނިޔާ ވިދާޅުވީ، ރާއްޖޭން ބޭރުން ފަރުވާ ހޯދާމީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ކެންސަރު ބަލީގެ މީހުންނާއި، ކުޑަކަމުންދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންކަމަށެވެ.

"ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ ތެރެއިންވެސް އެންމެ ބޮޑު އިންސައްތައެއް މި ފޮނުވަނީ ކެންސަރަށް ފަރުވާ ހޯދާ މީހުން. އެއީ ރާއްޖޭގައި ލިބެންނެތް ފަރުވާތަކަށް. ރާއްޖޭގައި މިހާރު ކީމޯތެރަޕީގެ ހުރިހާ ފަރުވާތަކެއް އެބަދެވޭ. އެކަމަކު ރޭޑިއޭޝަންފަދަ ނޫނީ ޕެޑްސް ސްކޭންސް ފަދަ އެޑްވާންސް ޕްރޮސިޖަރތަކަށް ރާއްޖޭން ބޭރަށް މި ފޮނުވަނީ. އޭގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގައި ނުލިބޭ ފަރުވާތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ދެވަނައަށް އެންމެ ގިނައިން ފޮނުވާ ކެޓަގަރީއަކަށް މި އިންނަނީ. އޭގެ އިތުރުން ލޮލުގެ ބަލިތަކަށް. ލޮލުގެވެސް އަދިވެސް ބައެއްކަހަލަ ސަރޖަރީތައް ރާއްޖޭން ނުލިބޭތީ އެކަހަލަ ކަންކަމަށްވެސް ރާއްޖޭން ބޭރަށް އެބަ ފޮނުވަންޖެހޭ" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދަ ކުންފުންޏަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ. އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް "ހުސްނުވާ އާސަންދަ" ސްކީމް ތަޢާރަފުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. "ހުސްނުވާ އާސަންދަ" ސްކީމަކީ ކުރިން ބޭނުންކުރަމުންދިއަ "އާސަންދަ" ސްކީމަށް ބަދަލުތަކެއް ގެނެސް، ޚިދުމަތްތައް އިތުރުކޮށް ކޮންމެ ރައްޔިތަކަށް އަހަރަކަށް ކަނޑައެޅިފައިވާ އެއްލައްކަ ރުފިޔާގެ ލިމިޓް އުވާލުމަށްފަހު އެކުލަވާލާފައިވާ ސްކީމެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަންތަން ހިމެނޭހެން 687 ތަނަކުން އާސަންދައިގެ ޚިދުމަތް މިހާރު ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކަކާއި ޞިއްޙީ މަރުކަޒުތަކާއި، އެސްޓީއޯގެ ހުރިހާ ފާމަސީތަކެއް ހިމެނޭހެން 300 އަށްވުރެ ގިނަ ފާމަސީއާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ 2 ތަނަކާއި، މަސްނުވީ އާލާތްތައް ރާއްޖެ އެތެރެކުރާ 2 ތަނަކާއި، އައިނު ހައްދައިދިނުމުގެ ޚިދުމަތްދޭ ތަންތަން ހިމެނެއެވެ. ހަމައެހެން ރާއްޖޭން ބޭރުން އިންޑިއާގެ 35 ތަނަކާއި، ސްރިލަންކާގެ 9 ތަނަކުންވެސް އާސަންދައިގެ ޚިދުމަތް ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ. ކުންފުނީގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް އިތުރު ތަންތަން އެމްޕެނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ހާމަކުރައްވާފައިވެއެވެ.