ޚަބަރު

ލ.ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހަދަނީ


ލ.ގަމުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ ކެންސަރު ބަލީގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް ޚާއްޞަ ޓީމެއް އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ލ.ގަމުގައި ކެންސަރު ބަލީގެ ހޮސްޕިޓަލެއް އެޅުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 98 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ރައީސް އޮފީހުގައި ބޭއްވެވި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް އެޅުމަށް ރާއްޖެ އަންނަނީ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށްފަހު ކޮންސަލްޓްކޮށް އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްކަމަށެވެ.

"އަންނަ ހަފްތާގެ ތެރޭގައި ލ.ގަމު ކެންސަރު ހޮސްޕިޓަލް އެޅުމަށް މިކުރާ މަސައްކަތުގެ ދަށުން ޚާއްޞަ ޓީމެއް ރާއްޖެ އަންނާނެ. ވަޑައިގަންނަވަނީ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށްފަހު ކޮންސަލްޓްކޮށް މި ޕްރޮޖެކްޓް ކުރިއަށް ގެންދާނެގޮތާއި ގުޅޭގޮތުން" މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ފުރަތަމަ ނިންމީ ހުޅުމާލޭގައެވެ. ނަމަވެސް ސަރުކާރުގެ އެނިންމުން ބަދަލުކޮށް އެ ހޮސްޕިޓަލް ލ. ގަމަށް ބަދަލުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގައި އެދިފައެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އިތުރުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ.