ސިޔާސީ

3000 މެމްބަރުން ހަމަނުވާ ޕާޓީތައް މާދަމާ އިޢުލާން ކުރަނީ


3000 މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދެއްވި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވުމާއި ގުޅިގެން، ޕާޓިތަކުން ހުށަހެޅި މެމްބަރޝިޕް ފޯމްތައް އިވެލުއޭޓް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން އެކޮމިޝަނުން ވިދާޅުވީ، 3000 މެމްބަރުން ހަމަކުރުމަށް އިއްޔެގެ މެންދުރު ދޭއްޖެހުމާއި ހަމައަށް ސިޔާސީ ޕާޓީތަކަށް  ދެއްވި ފުރުޞަތު ހަމަވެފައިވާކަމަށެވެ. އެހެންކަމުން އެޕާޓީތަކުން ހުށައެޅި ފޯމްތައް ބައްލަވާ އިވެލުއޭޓް ކުރެއްވުމަށްފަހު އުވާލެވޭނީ ކިތައް ޕާޓީކަން މާދަމާ ހާމަކުރައްވާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މިއަހަރުގެ އޮގަސްޓް މަހު ގެންނެވި އިޞްލާޙުގެ ދަށުން 3 މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ނޯޓިސް ދެއްވާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު 6 ވަނަ ދުވަހުއެވެ. އެގޮތުން 8 ޕާޓީއަކަށް ނޯޓިސް ދެއްވާފައިވެއެވެ.3000 މެމްބަރުން ހަމަކުރުމަށް ނޯޓިސް ދެއްވާފައި ވަނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، ދިވެހިރައްޔިތުންގެ ޝޯސަލް ޑިމޮކްރެޓިކް ޕާޓީ، ޝޯސަލް ލިބަރަލް ޕާޓީ، ޕީޕަލްސް ޕާޓީ، މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް، ޕީޕަލްސް އެލައަންސް، މޯލްޑިވިއަން ލޭބާ ޕާޓީގެ އިތުރުން ދިވެހި ގައުމީ ޕާޓީއަށެވެ.ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގައި ވަނީ  ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. ރާއްޖޭގައި 14 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.