ޚަބަރު

މާލެ ސަރަހައްދުގެ ޕިކްނިކް އައިލެންޑްގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިމޭނެ


މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ކުރިއަށް އޮތް 8 މަހުގެ ތެރޭގައި ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިހެން ވިދާޅުވީ މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެއެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރު ދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރީ ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކާ 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކުރިއަށް އޮތް 8 ވަރަކަށް މަސްދުވަހުގެ ތެރޭގައި މިސަރަޙައްދުގެ ރައްޔިތުންނަށް ދަތުރުދާނެ ރަށެއް ލިބިގެންދާނެކަމަށެވެ. އަދި މިމަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ހަދާ އީއައިއޭގެ 80 އިންސައްތަ ނިމިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މީގެއިތުރުން މިމަސައްކަތް ނިމުމާއެކު މިމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ކުރަން ފެށޭވަރުވަނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މިތަން ތަރައްޤީކުރުމުގެ މައިގަނޑު ކޮންސެޕްޓަކީ ކުޑަބަނޑޮހުގެ ކޮންސެޕްޓް. އެކަމަކު މިއީ އެއަށްވުރެ ދެގުނަ ބޮޑު ސަރަޙައްދެއް ދަތުރުދިޔުމަށް ތަރައްޤީކުރެވިގެން މިއަންނަނީ. މިއީ ރައްޔިތުން އެދޭފަދަ ތަނަކަށްވާނެކަމަށް އުއްމީދުކުރަނީ." އާޒިމް ވިދާޅުވިއެވެ.

ކުޑަގިރި ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އީއައިއޭގެ މަސައްކަތްވެސް ކުރިއަށްގެންދަނީ އެމްޓީސީސީއިންނެވެ. ޕްރޮޖްކްޓް އެމްޓީސީސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ޕިކްނިކް އައިލެންޑްގެ މަޝްރޫޢާއި ގުޅިގެން މިވަގުތު ސަރވޭއަށް ބޭނުންވާ އިތުރު މަޢުލޫމާތު ހޯދުމަށް ޢާއްމުންގެ ޚިޔާލަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހުޅުވަލާފައެވެ. އެމިނިސްޓްރީން ވިދާޅުވީ އީއައިއޭގެ މަސައްކަތްތައް ނިމުމާއެކު ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ކޮންސެޕްޓް ޢާއްމުންނާ ހިއްސާކުރައްވާނެކަމަށެވެ.