ވިޔަފާރި

އެގްރޯނެޓުން ރާއްޖޭގެ 9 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރަނީ


ރާއްޖޭގެ 9 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ފަށައިފިއެވެ. މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އެގްރޯނެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ކުންފުނިން މިހާރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުގެ ދަނޑުވެރިންނާއިއެކު ދަނޑުވެރިކަން ކުރަން ފަށާފައެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓުން ގަނެ އަންނަނީ ވިއްކަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯނެޓާއެކު މަސައްކަތްކުރުމުން ދަނޑުވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭނެކަމަށެވެ. އެގޮތުން ޒުވާނުންނަށްވެސް ޓެކްނޮލޮޖީއާއި ރަހުމަތްތެރިގޮތްތަކަށް ދަނޑުވެރިކަން ކުރެވޭނެ މަގު އެގްރޯނެޓުން ފަހިކޮށްދީފައިވާކަމަށެވެ.

ހާރޫން ވިދާޅުވީ، ރާއްޖޭގެ 9 ރަށެއްގައި ފިނިކުރި ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުން އަންނަކަމަށެވެ. މި ސްޓޯރޭޖް ޤާއިމްކުރުމާއިއެކު ދަނޑުވެރިން ހައްދާ ތަކެތި ފިނިކޮށް ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ހާރޫން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ޔޫއެންޑީޕީގެ އެހީގައި ރަށްރަށުގައި ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް ހުރިހައި ރަށަކުންވެސް މިހާރު ވަނީ ބިން ލިބިފައި. މި ހަފްތާތެރޭގައި އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކުރެވިގެންދާނެ. އަދި ލަސްވެގެން މިއަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް ހުރިހައި ރަށެއްގައި މަސައްކަތް ނިންމާ މިކަންކަން އިންތިޒާމްކުރުމަށް ރޭވުންތަކެއް ރާވަމުން މިގެންދަނީ." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކުގައެވެ. އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރާ 9 ރަށުގެ ތެރޭގައި ހިމެނެނީ ނ.މަނަދޫ، ރ.ކިނޮޅަސް، ފ.މަގޫދޫ، ލ.ގަން، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް، ސ.ހުޅުމީދޫގައެވެ.

ކޮންޓްރެކްޓް ފާމިންގެ މަޝްރޫއު ފުރަތަމަ ފިޔަވަހީގައި ރާއްޖެ 5 ޒޯނަކަށް ބަހާލައިގެން ދަނޑުވެރިން 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ދަނޑުވެރިއަކަށްވެސް 2 ބާވަތް ހެއްދުމަށް ފުރުސަތުދެއެވެ.