ދުނިޔޭގެ ވިޔަފާރި

ކޯވިޑާއި އެކުވެސް އިންޑިއާގެ އިޤްތިޞާދު އާރާސްތުވާނެ ކަމަށް ލަފާކޮށްފި


އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން ކޯވިޑް ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައިވެސް އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް އިންޑިއާގެ އިޤްތިޞާދު އާރާސްތުވާނެ ކަމަށް ލަފާކޮށްފިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މުޅި އިންޑިއާ ފުރަބަންދުކުރުމާއި ގުޅިގެން އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ އިންޑިއާގެ އިޤްތިޞާދު ވަނީ 7.3 އިންސައްތައަށް ހީނަރުވެފައެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް އިން މެއިމަހަށް އައި ކޯވިޑްގެ ދެވަނަ ރާޅުގައި މަދު ތަންތަން ފުރަބަންދު ކުރުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު މާބޮޑަށް ހީނަރުވެގެންނެއް ނުދެއެވެ.

ނަމަވެސް ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނާއި އިންޑިއާގެ ބައެއް ހިސާބުތަކުގައި ވެކްސިންދޭ މިންވަރު ދަށްވުމާއިއެކު އަންނަ އަހަރު މެދެއްހާ ހިސާބުގެ ކުރިން ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އިޤްޠިޞާދު އޮތް މިންވަރަށް ދިއުން އެކަށީގެންނުވާ ކަމަށް ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ. ބަލިމަޑުކަމުގެ ކުރިން އިންޑިއާގެ އިޤްތިޞާދު ވަނީ 2.9 ޓްރިލިއަން އެމެރިކާ ޑޮލަރަށް އާރާސްތުވެފައެވެ.

މީގެއިތުރުން ކޯވިޑްގެ ތިންވަނަ ރާޅެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ލަފާކުރިނަމަވެސް ރިޒާރވް ބޭންކް އޮފް އިންޑިއާއިން ވަނީ އިންޑިއާގެ މިއަހަރުގެ އިޤްތިޞާދު 9.5 އިންސައްތައަށް އާރާސްތުވާނެ ކަމަށް ލަފާކޮށްފައެވެ. އިންޑިއާގެ ރީޓެއިލް ވިޔަފާރިއާއި އޮޓޯ ވިޔަފާރި، ދަނޑުތަކުން ލިބޭ އުފެއްދުންތައް، މަރާމާތުކުރުމުގެ ސެކްޓަރު އަދި މުދާ ބޭރުންކުރުންވެސް ޖޫން މަހުން ފެށިގެން އިތުރުވެފައިވާއިރު ދަތުރުފަތުރުކުރުމާއި، ފަތުރުވެރިކަމާއި ޚަރަދުކުރާ މިންވަރު ވަނީ ދަށްވެފައެވެ.

ކުރިއަރާފައިވާ އެހެން ޤައުމުތަކުން ރައްޔިތުންނަށް އެހީވުމަށް ބޮޑެތި ސްޓިމިއުލަސް ޕެކޭޖްތައް އިޢުލާނުކޮށްފައިވީ ނަމަވެސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ޢުމްރާނީ ތަރައްޤީއަށާއި ޕްރައިވެޓައިޒޭޝަންއަށް އިންވެސްޓްކުރުން އިތުރުކުރަން ނިންމާފައެވެ. އަދި އިޤްތިޞާދު އާރަސްތުކުރުމަށް އެހީވުމަށް ޓެކްސް ނިޒާމަށް ބަދަލު ގެންނަންވެސް ވަނީ ނިންމާފައެވެ. ނަމަވެސް މޯދީ ދަނީ ފަޤީރުންނަށް ބޭނުންވާ ކާނާ ފޯރުކޮށްދެމުންނެވެ.