ޚަބަރު

ޕިކްނިކް އައިލެންޑް ތަރައްޤީކުރަން ކުޑަގިރި ފަޅު ހިއްކަން އާއްމުންގެ ޚިޔާލު ހޯދަނީ


ޕިކްނިކް އައިލެންޑެއް ހެދުމަށް، މާލެ ކައިރީ ކުޑަގިރި ފަޅު ހިއްކުމަށް އާއްމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ހަމަކުރެއްވި ގޮތުގައި އާއްންމުންގެ ޚިޔާލު މިކަމަށް ހޯދަނީ ތިމާވެއްޓަށް ގެއްލުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭ އީއައިއޭގެ މަސައްކަތްތައް ކުރިއަަށްގެންދިއުމަށެވެ.

މި ޕްރޮޖެކްޓްގެ އީއައިއޭގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ. މި ސަރވޭގެ ބޭނުމަކީ އެކުލަވާލެވިފައިވާ ޕްރޮޖެކްޓާއިބެހޭ ގޮތުން އާންމު ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާއާއި، ޕްރޮޖެކްޓާއި ބެހޭ ގޮތުން ފާހަގަކުރެވޭ ކަންބޮޑުވުންތަކާއި ޕްރޮޖެކްޓްގެ ސަބަބުން ލިބޭނެފައިދާތައް ދެނެގަތުން ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި ސަރވޭއަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި ރަށެއް ތަރައްގީކުރުމަށް ސަރުކާރުން އެމަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިންހިއްކުމުގެ މަޝްރޫއަށް ތައްޔާރުކުރެވޭ އީއައިއޭއަށް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ސަރވޭއެކެވެ.


ކުޑަގިރި ފަޅަކީ މާލެއާއި 10.5ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ. އެ ސަރަޙައްދު އޮންނަނީ ތިލަފުށި ބިއްދަށުންނެވެ. ޕިކްނިކް އައިލެންޑް ހެދުމަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮޖެކްޓްގައި ކުޑަގިރި ފަޅުން ދެ ރަށް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެއީ ދަތުރުދިއުމަށް 8 ހެކްޓަރުގެ ރަށަކާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ރަށެވެ.

ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް ހުރަސް ތޮށި ލުމާއި، އެއްގަމުގައި ހިލަ ތޮށި ޖެހުމަށްވަނީ ރާވާފައެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ ރަށް ހިއްކުމަށްޓަކާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކަށް ވެލި ނަގަމުން އަންނަ، މާލެ އަތޮޅު އެތެރެވަރިންކަމަށެވެ. ކުޑަގިރި ފަޅު ހިއްކުމަށް 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މި ސަރވޭގައި އެއްކުރާ މައުލޫމާތު ބޭނުންކުރާނީ ހަމައެކަނި އީއައިއޭގެ ބޭނުންތަކަށްކަމަށެވެ. ސަރވޭއަށް މައުލޫމާތުދިން ފަރާތުގެ ނަން،އަދި ސަރވޭގައި ހިމަނާފައިވާ މަޢުލޫމާތު އާއްމު ނުކުރާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.