ވިޔަފާރި

އެގްރޯނެޓަށް ދިމާވެފައިވާ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރާއި ހިއްސާކޮށްފި


އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން އެ ކުންފުނިން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާ މަޝްވަރާކުރައްވައިފިއެވެ.

އެގްރޯނެޓްގެ ފަރާތުން ބައިވެރިވެފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ އެމްޑީ ހާރޫން ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން ޔޫއެންޑީޕީއާއި ގުޅިގެން ރަށްރަށުގައި ސްޓޯރޭޖް ޤާއިމްކުރުމަށް އެގްރޯނެޓުން ކުރިއަށްގެންދާ މަޝްރޫއުއަށް ފައިސާ ހޯދުމާއި ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށެވެ. އަދި އެސްޑީއެފްސީން ދަނޑުވެރިކަމަށް ދޫކުރާ ލޯނު އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަސައްކަތްކުރާ ދަނޑުވެރިންނަށް ރަނގަޅު ފުރުސަތެއްގެ ތެރެއިން ހަމަޖައްސައިދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ، މި މަޝްވަރާތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބުނުކަމަށެވެ. މިނިސްޓްރީގެ ފަރާތުން ކުންފުންޏަށް ދެވެންހުރި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފައިވާކަމަށާއި، ސްޓޯރޭޖް ފެސިލިޓީތަކަށް ބޭނުންވާ ފަންޑު ހޯދުމަށްވެސް ހުރި ފުރުސަތުތަކާއި އެކަން ކުރެވޭނެ ގޮތުގެ އިރުޝާދު މިނިސްޓަރ ދެއްވާފައިވާކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެގްރޯނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ތައާރަފްކޮށް މި މަޝްރޫއު މިހާރު ކާމިޔާބުކަމާއެކު އަންނަނީ ކުރިއަށްގެންދަމުންނެވެ. މިއީ ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް އެމީހުންނަށް ހަމައަގު ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ފަށާފައިވާ ޕްރޮޖެކްޓެކެވެ.