ކުޅިވަރު

ވިލިއަން ބްރެޒިލްގެ ކޮރިންތިއަންސްއަށް ސޮއިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއަށް ކުޅެމުންދާ ވިލިއަން ބްރެޒިލްގެ ކޮރިންތިއަންސްއަށް ސޮއިކޮށްފިއެވެ. ވިލިއަން ކޮރިންތިއަންސްއަށް ސޮއިކޮށްފައިމިވަނީ އާސެނަލް އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ.

ވިލިއަން އާސެނަލްއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓްމަހު ފްރީ ޓްރަންސްފަރއެއްގެ ދަށުންނެވެ. އާސެނަލްގެ އެއްބަސްވުން އުވާލުމަށްފަހު އެކްލަބްގެ ސަޕޯޓަރުންނަށް ވިލިއަން ފޮނުވި މެސެޖްގައި އޭނާވަނީ ސަޕޯޓަރުން ބޭނުންވި އެންމެ ރަނގަޅު ކުޅުން އޭނާއަށް ދެއްކިފައިނުވާތީ އެކަމަށް މައާފަށް އެދިފައެވެ. ވިލިއަންވަނީ އާސެނަލްއަށް ކުޅުނު 25 މެޗްގައި އެއްލަނޑު ޖަހާފައެވެ. އަދި އޭނާއަށް ވަނީ މީޑިއާގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައެވެ. މިގޮތުން އޭނާ އާސެނަލްއަށް އައިސްފައިވަނީ ހަމައެކަނި މާލީ ފައިދާއަށް ކަމަށްވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް ކޮންޓްރެކްޓް ބާތިލް ކުރުމަށްފަހު ވިލިއަން ވަނީ އޭނާ އެކްލަބަށް އައީ މާލީ ފައިދާއަށް ނޫންކަން މިހާރު އެންމެންނަށްވެސް އެނގޭނެކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.

ބްރެޒިލް ޤައުމީ ޓީމަށް 70 މެޗް ކުޅެފައިވާ ވިލިއަން އަދި މިސީޒަންގައި އާސެނަލް ޓީމަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. ވިލިއަން މިހާރު ބަދަލުވި ކޮރިންތިއަންސްއަކީ އޭނާގެ ކެރިއަރ ފެށި ކްލަބެވެ.