ޚަބަރު

ފުލުހުންގެ ޚިދުމަތް 5 ރީޖަނަކަށް ބަހާލަނީ


ޑިވިޝަންތަކުގެ ބަދަލުގައި ފުލުހުންގެ ޚިދުމަތް ރީޖަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ނ.މާފަރު ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވީ، މިވަގުތު ފުލުހުންގެ ޚިދުމަތް ބަހާލާފައިވާ 7ޑިވިޝަންގެ ބަދަލުގަ، ޚިދުމަތްތައް 5 ރީޖަނަކަށް ބަހާލާ ކަޑައެޅުމަށް ނިންމާފަވާކަމަށެވެ. ސެޕްޓެމްބަރުމަހުގެ ނިޔަލަށް މި ބަދަލުތައް ގެންނަވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޚިދުމަތްތައް ރީޖަންތަކަށް ބަހާލުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެފައި ތިބެންޖެހުމުގެ ބަދަލުގައި، ކަންކަން އަވަހަށް ނިންމުމުގެ ބާރު ދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިިނިސްޓަރ ވިދާޅުވީ މިއިން ކޮންމެ ރީޖަނަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް، އެ ކޮމާންޑަރުންނަސް އިތުރު ބާރުތައް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ޚިދުމަތް ދިނުމަށް ބެނުންވާ ވަސީލަތްތައް ހަމަކޮށް، މި ބަދަލުތައް ސެޕްޓެމްބަރުމަސް ނިމުމުގެ ކުރިން ގެންނަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ބަދަލެއްގެ ގެނައުމުގެ ސަބަބުން ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ދެވި، ނިންމަންޖެހޭ ނިންމުންތައް ފަސޭހަކާ އަވަސްކަމާއެކު ނިންމުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެއްވުމަށް ނިންމަވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސްގެ މި ޢަމާޒަށް ވާސިލުވުމަށް ފުރިހަމައަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

"ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ. އެހެން ނަމަވެސް ރައްޔިތުންގެ ހަމަޖެހިމާ، އިޖްތިމާޢީ އަދި އިޤްތިޞާދީ ސަލާމަތަށްޓަކާ މިއީ ކޮންމެހެން ކުރަންޖެހިފަވާ ކަމެއް. އެ އަމާޒާށް ވާސިލުވުމަށް މިދަނީ މަސައްކަތް ކުރަމުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމަޢަކީ ހަމަޖެހުން ކަށަވަރުވެފަވާ ތަނަކަށް ހެދުމަށް، މުޖުތަމަޢުގެ އެއްބައިވަންތަކަމާ ބަދަހިކަން، ބޮޑު ރޯލެއް އަދާކުރާކަމަށެވެ. އަދި މުޖުތަމަޢުގައި ބަދަހިކަމާ އެކުވެރިކަމާ އޯގާތެރިކަން އޮވެއްޖެނަމަ އެމުޖުތަމައެއް ވާނީ އަމާން ރައްކާތެރި ސުލްހަވެރި ތަނަކަށްކަމަށް ވިދާޅުވިއެވެ.