ޚަބަރު

ހުޅުމާލޭ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު 13މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި


ހުޅުމާލޭ ފްލެޓެއްގައި މިރޭ ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު 13 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ބުނެފިއެވެ.

ހުޅުމާލޭ 147 ނަންބަރު ފްލެޓްގެ ދެވަނަ ފަންގިފިލާގައި ރޯވެ ހިންގި އަލިފާނުގެ މި ޙާދިސާގައި ފްލެޓްގެ ދެވަނަ ފަންގިފިލާގެ 2 އެޕާޓްމަންޓާއި، ތިންވަނަ ފަންގިފިލާގެ 2 އެޕާޓްމަންޓަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ ޙާދިސާގެ ސަބަބުން، މިވަގުތު މީހުންނަށް ދިރިނޫޅެވޭވަރަށް ގެއްލުންވި 2 އާއިލާއަކަށް، އެންޑީއެމްއޭގެ ފަރާތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން 2 އާއިލާއަށް ނިސްބަތްވާ 13 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ ކަންކަން އެންޑީއެމްއޭއިންވަނީ ހަމަޖައްސާދީފައެވެ.

ހުޅުމާލޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިރޭ 19:17ހާއިރެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ އެހީއާއެކު އަލިފާންގަނޑު ނިއްވާލާފައިވަނީ 19:44ހާއިރުއެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.