ވިޔަފާރި

އަހަރެއްގެ މެދުކެނޑުމަކަށްފަހު ޖީއެމް ފޯރަމް އަންނަމަހުގެ 23ގައި


އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ ޖެނެރަލް މެނޭޖަރސް ފޯރަމް އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިއީ ހޮޓެލިއަރ މޯލްޑިވްސް މަޖައްލާއިން އަހަރަކު އެއްފަހަރު އިންތިޒާމްކުރާ ހަރަކާތެކެވެ.

ޖީއެމް ފޯރަމް އަމާޒުކޮށްފައިވަނީ ހޮޓެލްތަކުގެ މެނޭޖަރުންނަށެވެ. މިއަހަރުގެ ފޯރަމް އޮންނާނީ ސެޕްޓެމްބަރުމަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

މި އިވެންޓް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު މި ފޯރަމް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން މިއަހަރުގެ ފޯރަމް ވަރަށް ބޮޑަށްވެސް ހާއްސަ ވެގެންދާނެއެވެ.

މިއަހަރުގެ ފޯރަމްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ތަޖްރިބާކާރު ފަރާތްތަކުން ބައިވެރިވާނެކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން ބުނެއެވެ. މިއަހަރުގެ ފޯރަމްގައިވެސް ކީނޯޓް ސްޕީޗްއާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ.

ކޯވިޑަށްފަހު އަލަށް ބާއްވާ މިއަހަރުގެ ޖީއެމް ފޯރަމްގައި މިދާއިރާއަށް ބޭނުންވާ މީހުން ހޯދުމާއި އަދި ރާއްޖެ އިޝްތިހާރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ހެޓެލިއަރ މޯލްޑިވްސްއިން ބުނެއެވެ.

ޖީއެމް ފޯރަމްގެ ބޭނުމަކީ ރިސޯޓު ހިންގުމާއި އަދި އާންމުކޮށް ރާއްޖެއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރްސަތުތަކާއި ބެހޭގޮތުން މައުލޫމާތާއި އަދި ޚިޔާލު ބަދަލު ކުރުމާއި މިދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ފުރުޞަތެއް ހުޅުވާލުމެވެ.