ޚަބަރު

ނުވަދިހައަށްވުރެ ގިނަ ފޯނާއި މަނާތަކެތި ޖަލަށް ވައްދަނިކޮށް މީހަކު ހައްޔަރުކޮށްފި


ނުވަދިހައަށްވުރެ ގިނަ ފޯނާއި ސިމާއި އެނޫންވެސް ޖަލަށް ވެއްދުން މަނާތަކެތި މާފުށީ ޖަލަށް ވައްދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ފުލުހުންނާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަނީ ގިނަ ޢަދަދެއްގެ މަނާތަކެތި އަތުލައި ގަނެވިފައިކަމަށެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މި އޮޕަރޭޝަނުގައި މަނާ ތަކެތި މާފުށީ ޖަލަށް ވެއްދުމަށް މަސައްކަތްކުރި މީހާގެ އަތުން 50 ސްމާޓް ފޯނާއި އާދައިގެ 42 ފޯނާއި، 109 ޗާޖަރާއި 77 ޔޫއެސްބީ ކޭބެލްގެ އިތުރުން ދިރާގުގެ 49 ސިމް ކާޑާއި އުރީދޫގެ 12 ސިމްކާޑު ފެނިފައިވާކަމަށެވެ. އަދި 65 ހެޑްސެޓާއި ކަޓަރު ތިލަ ދެ ޕެކެޓްގެ އިތުރުން 10 އިރާކް ސްޓިކާއާއި އެނޫންވެސް ބައެއް ތަކެތި ފެނިފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވަގަށް ވެއްދުމަށް ވަރަށް ގިނައިން މަސައްކަތް ކުރެއެވެ. ނަމަވެސް ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގާ އެކި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަ ތަކެތި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ. ޖަލަށް ވެއްދުން މަނާތަކެތި ވައްދާ މައްސަލައަށް ހައްލު ހޯދުމަށް ކަރެންޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.