ކުޅިވަރު

ޕޮލިސް ކަޓުވާލުމަށްފަހު ސިފައިން ގައުމީ މުބާރާތުގެ ފައިނަލަށް


ގައުމީ ވޮލީ މުބާރާތް މިލްކް
ކުރުމަށް ޕޮލިސް ކުލަބްއިން ކުރަމުންދިޔަ މަސައްކަތަށް ދިވެހި ސަފައިންގެ
ކުލަބްއިން ހުރަސްއަޅައިފިއެވެ.

ގައުމީ ވޮލީ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ދިވެހި
ސިފައިންގެ ކުލަބްއާ ޕޮލިސް ކުލަބް ބައްދަލުކުރި މެޗް ސިފައިން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 2 ސެޓުންނެވެ. މިމެޗުން މޮޅުވުމާ ގުޅިގެން ދިވެހި ސިފައިންގެ ކުލަބްވަނީ
މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި މިމެޗުން ބަލިވުމާ ގުޅިގެން ޕޮލިސް
ކުލަބްވަނީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ
މިމެޗްގެ ސެޓްތަށް ޕޮލިސް ކުލަބް ގެންދިޔައީ 22-25، 26-24، 23-25، 25-23 އަދި 15-12އިންނެވެ.
ސެމީފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ
ކުލަބްގެ އަލީ ހުޒާމްއެވެ. ޕޮލިސް ކުލަބް ކޯޗް މުހައްމަދު ސާޖިދުބުނީ ގައުމީ
މުބާރާތުގެ ތަށި މިލްކް ކުރާ އަހަރަށްވުމުން ކުޅުންތެރިން މާބޮޑަށް ޕްރެޝަރަށް
ދިޔައީކަމަށް އަދި ހާއްސަކޮށް 3 ސެޓް 1 ސެޓުން މޮޅުވުމަށް ލިބުނު ފުރުސަތު
ގެއްލުމުންނާ ހަތަރުވަނަ ސެޓްގައި ޕޮލިހަށް ބޮޑު ލީޑެއްގައި އޮއްވާ، ސިފައިން ފަހަތުން އަރާ
މޮޅު ވުމުން ކުޅުންތެރިންގެ ހިއްވަރު ކޮންމެވެސްވަރަކަށް ދައްވިކަމަށް ޕޮލިސް
ކުލަބް ކޯޗް މުހައްމަދު ސާޖިދު ބުނިއެވެ.

" އަސްލު ކުޅުންތެރިންނަށް މާ ޕްރެޝަރު ބޮޑުވީ، ގައުމީ މުބާރާތުގެ ދަށި މިލްކުކުރަން ނިކުތް އަހަރުކަމަށްވުމުން، އެކަމުގެ ޕްރެޝަރު ކުޅުންތެރިންނަށް މާބޮޑަށް ނެގުނީ. އަދި މެޗް ނިއްމާލުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުން މިއީވެސް އަސްލުގައި ބަލިވާ ދިމާވި އެއް ސަބަބު. ސިފައިންގެ ކުލަބްއަށް ވުރެއް ގައުމީ މުބާރާތުގެ މިފަދަ ބޮޑު މެޗަކަށް ޕޮލިސް ކުލަބްގެ ކުޅުންތެރިން އަދި ވަރަށް އާވާނެ. ގިނަ ކުޅުންތެރިންނަކީ މިފަދަ މެޗަކަށް މުޅިހެން އާ ކުޅުންތެރިންނެކޭ ބުނުމުންވެސް ދޮގަކަށް ނުވާނެ."



ދިވެހި ސިފައިންގެ ކުލަބްގެ
ކޯޗް ބުނީ ފައިނަލަށް ދިއުމަށްވުރެއްވެސް ޕޮލިސް
ބަލިކުރެވުމުން އެކަމާ މާހިންހަމަޖެހޭކަމަށެވެ. ޕޮލިސް ކުލަބް ގައުމީ މުބާރާތް
މިލްކް ކުރަން ނިކުތް އަހަރުކަމަށްވާތީ، ސިފައިންގެ ކުލަބް ނިކުތީ އިތުރު
ހިއްވަރެއްލައިގެން ޕޮލިސް ބަލިކޮށް ފައިނަލަށް ދިއުމަށް ކަމަށް ސިފައިންގެ ކޯޗް ބުންޏެވެ.

" ޕޮލިސް ބަލިކުރެވުން އެކަމާ ވަރަށް ހިއްހަމަޖެހޭ، ހާއްސަކޮށް ޕޮލިސް ތަށި މިލްކުުރުމަށް ނިކުން އަހަރުގައި، އެޓީމް ބަލިކުރެވުން އެކަމާ އަދި މާބޮޑަށް ހިންހަމަޖެހޭ. ޕޮލިސް ކުލަބަކީ މޮޅު ޓީމެއް، ނަމަވެސް ސިފައިންނަށް ބަލިނުކުރެވޭ ވަރުގެ ޓީމްއެއް ނޫންކަން ވާނީ ސާބިތުކޮށްދީފަ. ހާއްސަކޮށް ޕޮލިސް ކުލަބްގެ ސެޓަރު އިޝާން މުހައްމަދު އެޓީމް ލައްވާ ކުޅުވާގޮތަށް ސިފައިން ވަރަށް ސަމާލްކަން ދިންނިން." ސިފައިންގެ ކޯޗް ބުންޏެވެ.



 މި މުބާރާތުގެ ތިންވަނަ ޓީމަކީ
ޕޮލިސް ކްލަބެވެ. ގައުމީ ވޮލީ މުބާރާތުގެ ފައިނަލްގައި ސިފައިންގެ ކުލަބް ވާދަކުރާނީ
މުބާރާތުގެ އެއްވަނަ ޓީމްގެ ގޮތުގައި ސީދާ ފައިނަލަށް ދަތުރުކުރި މޯލްޑިވިއަން
ރެކްރިއޭޝަން ކުލަބާއެވެ. ގައުމީ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް
ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރުއެވެ.

މިމެޗް ޕީއެސްއެމްގެ ޓީވީއެމްއިން ވަގުތުން ގެނެސްދޭނެއެވެ.