ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ސުޕްރީމް ކޯޓްގައި ތަޢާވަލުކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް އެކޯޓްގައި ތަޢާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނު 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ތަޢާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހާއި 13ވަނަ ދުވަހުގައެވެ. އެ ދެދުވަހުވެސް ޝަރީއަތް ތަޢާވަލުކޮށްފައިވަނީ ހެނދުނު 09:00އަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފިޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މިގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ.