ޚަބަރު

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 301189އަށް އަރައިފި


ރާއްޖޭގައި ކުރިއަށްދާ ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިތުރު 111 މީހުން، ކޯވިޑް ވެކްސިން ފުރިހަމަކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރުމަށް ފަށާފައިވާ ކެމްޕެއިނާއެކު ވެކްސިންގެ ފުރަތަމަ ޑޯޒްޖަހާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ވެކްސިން ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށްދާއިރު މިހާތަނަށް 300،000އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ. މިއީ ޢާބާދީގެ ނިސްބަތުން ބޮޑު ކުރިއެރުމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު 111 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. ހުކުރު ދުވަހު ވެކްސިން ޖެހުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގެ ސެންޓަރުތަކުގައި އެކަންޏެވެ. އަތޮޅުތަކުން އަލަށް ވެކްސިންޖެހި 111 މީހުންނާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 301،189އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހުކުރު ދުވަހު ޖަހާފައިވަނީ 157މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 381،902 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީ ތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.