ޚަބަރު

އިތުރު 139 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 139 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖެއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާއެކު، ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 80600 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝް އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 139 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 27 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 96 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 16 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 80،678 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ އެއްހަމައެއްގަ ހިފެހެއްޓިފައެވެ. ޚާއްސަކޮށް މާލެ ސަރަޙައްދުން ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް ތިރިކުރެވިފައެވެ. ނަމަވެސް ރަށްރަށުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަޑުމަޑުން ދަނީ މަތިވަމުންނެވެ. ކޮވިޑް ކޭސްތައް ފެނިގެން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދުވެސްވަނީ 25އަށް އަރާފައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1683 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 63 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 78،757އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5238 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 207 ދިވެހިންނާއި 19 ބިދޭސީންނެވެ.