ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ކެނޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އަންނަ މަހުގެ 25ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރެއެވެ. އިއްޔެ އާންމުކުރި އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30ވަނަ ދުވަހުގެ ހަވީރު 4.00އެވެ.

އެޕާޓީން ބުނެފައިވަނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސިޓީގެ އަސްލު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 9.00އިން ހަވީރު 4.00 އަށް އެމްޑީޕީ އޮފީހުގެ 2ވަނަ ފަންގިފިލާއިން ކަމުގައެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކަށް މިއަދުން ފެށިގެން ސުންގަޑި ހަމަވަންދެން [email protected] އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ މިއިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދޭނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށްކަމަށް އެޕާޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންގައި ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބެވެ. އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބަހައްޓާނެއެވެ. މިއިންތިޚާބުގައި 900 އެއްހައި އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާ، އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރެވޭނެކަމަށް ހަސަން ވަނީ ވިދާޅުވެއެވެ.

އެމްޑީޕީގެ އިންތިޚާބުގައި ޕާޓީން ކަންކަން ނިންމަމުންދަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޮންނަ އުސޫލުގެ ތެރެއިންކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.