ޚަބަރު

ފަޅުރަށްރަށާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަޅުރަށްރަށާބެހޭ ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކަށް އާންމުރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ފަޅުރަށްތަކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް އިސްލާހް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށް ބެހޭ ގާނޫނަށް އިޞްލާޙުގެނައުމުގެ ބިލު މިމަޖިލީހަށް ހުށަހަޅާފައިވަނީ ކުރިން ފަޅުރަށްރަށް ދިނުމާ ބެހޭ ޤާނޫނު އޮތް ގޮތުން ބައެއް ޤާނޫނީ ފުށު އެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނައި އިޞްލާޙުތަކުގެ ސަބަބުންނެވެ.

މިބިލަށް ޚިޔާލު ހިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މެއިލް މެދުވެރިކޮށްވެސް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށްވެސް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޚިޔާލު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ ފުރަތަމަ ދުވަހެވެ.

ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާއިރު، މިއީ ރަށްރަށުގެ އިޚްތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާ ގޮތަށް ހުށަހެޅިފައިވާ އިސްލާހުތަކެއްކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

ބިލަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ރާއްޖޭގެ ގިނަ ފަޅުރަށްތަކަށް އެކަށީގެންވާ މިންވަރަށް އަޅާނުލެވި، ފަޅުރަށްތަކަކީ ހަމައެކަނި ރިސޯޓް ބޭނުމަށް އޮތް ރަށްތަކެއްގެ ގޮތުގައި ވަމުންދާކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް ފަޅުރަށްތަކަކީ ރަށުގެ އިހްތިސާސްގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނަށް މާލީ ބޮޑެތި މަންފާތަކެއް ލިބިދޭނެ ތަންތަނަށްވާއިރު، އެބާރުވެރިކަން އެރަށްތަކުގެ ރައްޔިތުންނަށް ދޭންޖެހޭ ކަމަށް މެމްބަރުން ވަނީ ވިދާޅެވަފައެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުން ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ އެންމެހައި ތަންތަނަކީ އެކައުންސިލެއްގެ ބާރު ހިނގާ ތަންތަނުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ލާމަރުކަޒީ ޤާނޫނުން ބާރުދީފައިވާ ބައެއް ކަންކަމަށް އެހެން ޤާނޫނުތަކާއި ފުށު އަރާ ޤާނޫނުތަކަށް ސަރުކާރުން ގެންދަނީ އިސްލާހު ހުށަހަޅަމުންނެވެ.