ޚަބަރު

ބްރިޖްގެ މަޝްރޫއާއެކު މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅާލަނީ


ބްރިޖްގެ މަޝްރޫޢާއެކު މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުލާމަށް 65 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށިގެންދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ހާމަކުރައްވައިފިއެވެ.މާލެއާއި ހުޅުލެއާއި ދެމެދު އެޅުއްވުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޑިޒައިން ކުރެވިފައިވަނީ ކަރަންޓާއި، ފެނުގެ އިތުރުން ތަފާތު ނެޓްވޯކްތަކުގެ ކޭބަލްތަކުން މާލެއާއި ހުޅުލެ ގުޅާލެވޭ ގޮތަށެވެ.މި މަޝްރޫޢުގެ ތެރެއިން މާލެއާއި ހުޅުމާލޭގައި ފެނުގެ ކެޕޭސިޓީ އިތުރުކުރަމަށްވެސް ހަމަޖެހިފައިވެއެވެ.65 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އެމް.ޑަބްލިއު.އެސްސީގެ ފެން އުފައްދާ މައި މަރުކަޒު ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޑަބްލިއު.އެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒްލު ރަޝީދު ވިދާޅުވީ، މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނީގެ ޕެނަލް ބޯޑުތަކަށް މައްސަލަތަކެއް ކުރިމަތިވެ، ފެނުގެ ޚިދުމަތް މެދުކެނޑުނު ކާރިސާފަދަ އިތުރު ކާރިސާއެއް ހިނގިޔަނުދިނުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ މައި މަރުކަޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށްވެސް ފެން ފޯރުކޮށްދެވޭ ގޮތަށް ފަރުމާކުރެވޭނެ މަރުކަޒެއް ކަމަށް ފަޒްލު ވިދާޅުވިއެވެ. މި މަޝްރޫއުގެ ތެރެއިން މާލޭގެ ފެނުގެ ކެޕޭސިޓީ އިތުރުކުރެއްވުމަށްޓަކައި މާލޭގެ އިތުރު ދެ ސަރަޙައްދެއްގައި ފެން ރައްކާކުރާނެ ތާނގީތައް ހެއްދެވުމަށް ބަޔަކާ ޙަވާލުކޮށްފައިވާ ކަމަށާއި، އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ފަޒްލު ވިދާޅުވިއެވެ.އެމް.ޑަބްލިއު.އެސް.ސީން ކުރިއަށްގެންދާ 65 މިލިއަން ޑޮލަރުގެ މަޝްރޫޢު ފެށުމަށްޓަކައި ހުޅުމާލެއިން ބިން ކަނޑައެޅުމާއި، ހުޅުލޭ އެއަރޕޯޓްގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް އެމް.ޑަބްލިއު.އެސް.ސީން މައުލޫމާތުދެއެވެ.4 އަހަރު ދުވަހަށް ދިގުދެމިގެންދާ މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކުރައްވާފައިވަނީ 2019 ވަނަ އަހަރުއެވެ.