ޚަބަރު

މެލޭޝިޔާގެ އައު ވަޒީރުންގެ މަޖިލީހަށް ކުރީގެ ގިނަ ވަޒީރުން ޢައްޔަންކޮށްފި


މެލޭޝިޔާގެ އައު ބޮޑުވަޒީރު އިސްމާޢީލް ޞަބްރީ ބިން ޔަޢުޤޫބް އެކުލަވާލެއްވި އައު ވަޒީރުންގެ މަޖިލީހުގައި ކުރީގެ ގިނަ ވަޒީރުން ހިމަނުއްވައިފިއެވެ.

އޮގަސްޓު 21ވަނަ ދުވަހު ބޮޑުވަަޒީރުކަމުގެ ހުވައިކުރެއްވި އިސްމާޢީލް ޞަބްރީ ބިން ޔަޢުޤޫބްގެ ވަޒީރުންގެ މަޖިލީހުގައި ކުރީގެ ވަޒީރުން ހިމެނުއްވީ މެލޭޝިޔާގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެއްވުމަށްކަމަށް ބެލެވެއެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ އިސްމާޢީލް ޞަބްރީ ޙަވާލުވެވަޑައިގެންފައިވަނީ އެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ގޯސްވުމުގެ އިތުރުން ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. އެފަދަ ޙާލަތެއްގައި އިސްމާޢީލް ޞަބްރީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނުގެއްލޭނެ ގޮތަކަށް ވެރިކަންކުރެއްވުމެވެ.

މެލޭޝިޔާގެ އައު ވަޒީރުންގެ މަޖިލީހަށް އިސްމާޢީލް ޞަބްރީ ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޒަފްރުލް ބިން ޢަބްދުލްޢަޒީޒެވެ. އޭނާއަކީ ކުރީ ސަރުކާރުގައިވެސް އެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. އޭނާގެ އިތުރުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި ދިފާޢީ ޚިދުމަތްތަކާއި ތަޢުލީމާއި މަސައްކަތެރިކަމުގެ ދާއިރާއަށްވެސް އިސްމާޢީލް ޞަބްރީ ޢައްޔަންކުރެއްވީ ކުރީ ސަރުކާރުގައި މަޤާމުތައް ފުރުއްވި ވަޒީރުންނެވެ. އިސްމާޢީލް ޞަބްރީ ވިދާޅުވި ގޮތުގައި އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެސް ކޯވިޑް-19ގެ ޙާލަތު ރަނގަޅުކޮށް ޤައުމުގެ އިޤްތިޞާދީ މަސައްކަތްތައް ފަށަންޖެހޭނެކަން އައު ވަޒީރުންގެ މަޖިލީހަށް އަންގަވާފައިވާނެކަމަށެވެ.

ޢުމުރުން 61 އަހަރުގެ އިސްމާޢީލް ޞަބްރީ މީގެ ކުރިން ހުންނެވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވި މުޙްޔިއްދީން ޔާސީންގެ ނައިބުގެ މަޤާމުގައެވެ. ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ޢައްޔަންކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވަނީ މީގެ ކުރިން މުޙްޔިއްދީންނަށްވެސް އެ މަޤާމު ހޯދައިދިން އިއްތިޙާދުންނެވެ. ބޮޑުވަޒީރުގެ މަޤާމުން އޮގަސްޓު މަހުގެ 16ވަނަ ދުވަހު މުޙްޔިއްދީން އިސްތިޢުފާދެއްވާފައިވަނީ މެލޭޝިޔާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ އެ ޤައުމަށް އިޤްތިޞާދީ ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޭނާއަށް ގެއްލުމުންނެވެ.

އާބާދީގެ ނިޞްބަތުން ދެކުނު އިރުމަތީ އޭޝިޔާގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވަނީ މެލޭޝިޔާގައެވެ. އެ ގޮތުން 32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގައި 1.5 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 15،200އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައެވެ.