ޚަބަރު

ކެރެލާގައި ކާފިޔުއެއް އިޢުލާނުކުރަން އަންގައިފި


ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށްނުދާ ސަރަޙައްދުތަކުގައި ކާފިޔުއެއް އިޢުލާންކުރުމަށް އިންޑިޔާގެ ސަރުކާރުން އަންގައިފިއެވެ. އެ އެންގުމުގެ ދަށުން އެ ޤައުމުގެ ކެރަލާއާއި މަހާރާޝްތުރާ ސުޓޭޓުގެ ގިނަ ސަރަޙައްދުތަކުގައި ކާފިޔުއެއް އިޢުލާންކުރަންޖެހޭނެއެވެ.

ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގައި ބާރުގަދަ ޑެލްޓާ ވޭރިއެންޓުގެ ނުރައްކާތެރި ރާޅެއް ދަނީ އިންޑިޔާގައި ފެތުރެމުންނެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 25،000އަށް ދަށަށް ދިޔުމަށްފަހު އަނެއްކާވެސް އެ ޢަދަދުވަނީ 40،000އަށްވުރެ މައްޗަށް ގޮސްފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 44,658 މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 496އަށް އިތުރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 32.6 މިލިޔަނަށް އިތުރުވެފައެވެ. އަދި ބަލިޖެހިގެން ޖުމުލަ 436,861 މީހުންވަނީ މަރުވެފައެވެ.

ފާއިތުވި ހަފުތާތަކުގައި އިންޑިޔާގައި ކޯވިޑް-19 ޖެހުނު 60 އިންސައްތަ މީހުންނަށް ބަލިޖެހިފައިވަނީ ކެރަލާގައެވެ. ކެރެލާގައި ބަލިޖެހޭ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ތަފާތު ހަފުލާތައް ފާއިތުވި ހަފުތާތަކުގައި އެ ސްޓޭޓުގައި ބޭއްވުމުންނެވެ. އެއާއެކު އެ ސްޓޭޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކޯވިޑް-19ގެ ވެކްސިން ޖަހާ މީހުންގެ ޢަދަދު އިތުރުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

އިންޑިޔާގައި ވެކްސިން ޖެހޭ މީހުންގެ އާބާދީގެ ތެރެއިން ޑޯސްތައް ފުރިހަމަކޮށްފައިވަނީ 15 އިންސައްތަ މީހުންނެވެ.