ސިޔާސީ

ބޭސް ފަރުވާއަށް، ނަޝީދު ރާއްޖެއިން ބޭރަށް ގެންދިއުމަށް އެދެފި


ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށާއި އެމަނިކުފާނު ބޭރަށް ފޮނުއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފައި ވާނެކަމަށް ނަޝީދުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.މިއަދު މޫކައި ހޮޓެލްގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޙިސާން ޙުސެއިން ވިދާޅުވީ، މުޙައްމަދު  ނަޝީދަކީ އަބަދުވެސް މައިބަދައިގެ މައްސަލަ ހުންނަ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ގެންދަވަނީ މައިބަދައަށް ފަރުވާހޯއްދަވަމުން ކަމަށެވެ.މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، ގައިދީންގެ ބޭސް ފަރުވާގެ ކަންތައްތައް ބަލަހައްޓާނީ މެޑިކަލް ބޯޑަކުންކަމަށާއި އެ މެޑިކަލް ބޯޑުން، ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަނެއްކަމަށް ލަފާދެއްވާފައިވާކަމަށެވެ.ރައީސް ނަޝީދު ޖަލުން ގޭ ބަންދަށް ބަދަލުކުރެއްވުމަށް ކަރެކްޝަނަލް ސާރވިސް އިން ދޫކުރެއްވި ލިއުމާ ބެހޭގޮތުންވެސް މިއަދު ޕްރެސްކޮންފަރެންސްގައި ޤާނޫނީ ޓީމުގެ ބޭފުޅުން ވާހަކަދެއްކެވިއެވެ. މިގޮތުން ނަޝީދު ގޭބަންދަށް ބަދަލުކުރި ލިއުމުގެ އަޞްލު މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށް އެޓީމުން ބުނެފައިވެއެވެ.ފުލުހުން ވިދާޅުވީ، ނަޝީދު ގޭބަންދަށް ބަދަލުކުރި ލިއުމުގެ އަސްލު ފުލުހުންނަށް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ލިބިފައިވާކަމަށާއި، އެކަން ތަޙްޤީގް ކުރައްވަމުން ގެންދަވާކަމަށެވެ.