ޚަބަރު

އިތުރު 244 މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


އިތުރު 244މީހުން، ކޯވިޑް ވެކްސިން ފުރިހަމަކޮށްފިއެވެ. މާލެއާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައިވެސް އަންނަނީ ވެކްސިން ދެމުންނެވެ.

ވެކްސިން ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ކާމިޔާބުކަމާއެކު ދަނީ ކުރަމުންނެވެ. މިހާތަނަށް 300،000އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، މިއީ ޢާބާދީގެ ނިސްބަތުން ބޮޑު ކުރިއެރުމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު 1200 އަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ. މީގެތެރެއިން 244 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 164 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 80 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 300،671އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަދުވަހު 1000 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރައްދުން ފުރަތަމަ ޑޯޒް ޖެހި 174މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 826 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 380،379 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީ ތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.