ޚަބަރު

ވިޒިޓް މޯލްޑިވްސް އިޔާރގެ ކެމްޕެއިން މަސައްކަތްތައް ހަވާލުކޮށްފި


އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި އެކަން ފާހަގަ ކުރުމަށް ހިންގަވާ ވިޒިޓްމޯލްޑިވްސް އިޔަރ ކެމްޕެއިން ކުރިއަށް ގެންދިއުމަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން ވިޒިޓްމޯލްޑިވްސް އިޔަރ ކެމްޕެއިންގެ ތިން މަސައްކަތަކެއް 8 ފަރާތަކަށް އެމް.އެމް.ޕީ.އާރް.ސީ އިން ވަނީ  ހަވާލުކުރައްވާފައެވެ.  އޭގެތެރެއިން ކެމްޕެއިން އިޝްތިހާރު ކުރުމަށް ބޭނުންކުރާ 21  ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރު ކުރުމަށް 6 ކުންފުންޏަކާއި ހަވާލުކޮށްފައި ވަނީ 4.3 މިލިއަން ރުފިޔާއަށެވެ. ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެޔަރ ކަމަށްވާ ޖަރުމަނުގެ އައިޓީބީ ފެޔާގައި ރާއްޖެއިން ތަމްސީލުކުރާ ހުށައެޅުން ތަކާއި ރާއްޖޭގެ ސްޓޯލްގައި ހިންގާ ސަޤާފީ ހަރަކާތްތަށް ކޮރިއޮގްރާފް ކުރުމަށް އަމިއްލަ ފަރާތަކަށް ހަވާލުކޮށްފައި ވަނީ 2.7 މިލިއަން ރުފިޔާއަށެވެ. ވިޒިޓްމޯލްޑިވްސް އިޔަރ ކެމްޕެއިންގެ ދަށުން ބައިވެރިވާ އެންމެ ބޮޑު ހަރަކާތަކީ އައިޓީބީ ފެއަރއެވެ. އަންނަ އަހަރުގެ އައިޓީބީފެއާގައި ރާއްޖެއިން ބައިވެރިވަނީ ޕާޓްނަރ ކަންޓްރީއެއްގެ ގޮތުގައެވެ. މި މަސައްކަތްތަކުގެ އިތުރުން ދެން ބަޔަކާއި ހަވާކޮށްފައި ވަނީ ވިޒިޓްމޯލްޑިވްސް އިޔަރ ކެމްޕެއިންގެ ލޯގޯއާއި ކުލަ ބޭނުން ކޮށްގެން ޓުއަރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރް.ސީގެ އޮފީސް އިމާރާތުގެ އެތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތެވެ. މިމަސައްކަތަށް 1 ލައްކަ 99 ހާސް ރުފިޔާއަށް ހަވާލުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާރސްއަށެވެ.