ޚަބަރު

"ސްޓޭޓް ސޭފްޓީ ޕްރޮގްރާމް" 2016 ނިމުމުގެ ކުރިން ފެށުމަކީ އަމާޒެއް


ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން
ދެމެހެއްޓުމުގެ ގޮތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސްޓޭޓް ސޭފްޓީ ޕްރޮގްރާމް
ފުރިހަމައަށް ތަންފީޒުކޮށް، އަންނަ އަހަރު ނިމޭއިރު މިޕްރޮގްރާމް ހިނގަން ފެށުމަކީ
އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.



އޭވިއޭޝަން ސިނާޢަތް
ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މި ސިނާއަތުގެ ދެ ދާއިރާއަކުން ޤަވާއިދު
ހެދުމުގެ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރިޔަށްދާކަމަށްވެސް މިނިސްޓަރ
ވިދާޅުވިއެވެ.



ބައިނަލް އަޤުވާމީ ވައިގެ ދަތުރު
ފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު
ވިދާޅުވީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ
މިންގަނޑުތަކާ އަޅާބަލާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި
އިޤުތިޞާދީގޮތުން ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް
ވަރަށްބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.



ވައިގެ
ދަތުރުފަތުރުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން، އޭވިއޭޝަން ސިނާޢަތުގެ
ބައިވެރިންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ހިމެނޭގޮތަށް މުޅި ދައުލަތް ޝާމިލުވާ
ސްޓޭޓް ސޭފްޓީ ޕްރޮގްރާމް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް
ކުރިއަށްދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.



މި ޕްރޮޖެޓަށް
ބޭނުންވާ އަސާސީ މަސައްކަތްތައް މިހާރު ފުރިހަމަ ކުރެވިފައިވާއިރު، އަންނަ އަހަރު
ނިމޭއިރު މިޕްރޮޖެކްޓް ފުރިހަމައަށް ތަންފީޒު ކުރެވި ސްޓޭޓް ސޭފްޓީ ޕްރޮގްރާމް
ހިނގަންފެށުމަކީ އަމާޒުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.



ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ
އޭޖެންސީ، އިއާސާގެ ތަޖުރިބާ އާއި ފަންނީ އެއްބާރުލުމާއެކު ފްލައިޓް ކުރޫ
ލައިސެންސިން ގަވާޢިދުތައް އިތުރަށް ހަރުދަނާކުރުމުގެ ޕްރޮޖެކްޓެއް
ކުރިއަށްދާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން
ސިނާޢަތް ފުޅާވެ، ކުރިއަރައިގެންދާ
މިންވަރު ދެމެހެއްޓި، އިތުރު ބާވަތްތަކުގެ އޮޕަރޭޝަންތަކަށް ފުރުޞަތު ދެވިގެންދާނެކަމަށްވެސް
މިނިސްޓަރ ވިދާޅުވިއެވެ. އަދި ހެލިކޮޕްޓަރ އާއި ޖެނެރަލް އޭވިއޭޝަން ފަދަ އިތުރު
ވައްތަރުގެ އޮޕަރޭޝަންތަކަށް ތަނަވަސް ދޮރެއް ހުޅުވިގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.




މިސިނާޢަތް ތަރައްޤީކުރުމުގެ
މަސައްކަތުގެ އިތުރުން އެއާޕޯޓުތަކުން ނަގާ ފީ އާއި އެއާރ ނެވިގޭޝަން ފީ
ރެގިރުލޭޓު ކުރުމުގެ އުޞޫލުތައް ހިމެނޭ "އިކޮނޮމިކް ރެގިއުލޭޝަން"
އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް
ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ގޮތުން ފަސިންޖަރުންގެ
ޙައްޤުތަކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަކަށް ހުށަހެޅޭނެކަމަށްވެސް
ވިދާޅުވިއެވެ.



ބައިނަލް
އަޤުވާމީވައިގެ ދަތުރު ފަތުރުގެ ދުވަހާއި ގުޅިގެން މިއަހަރުން ފެށިގެން 2018 ވަނަ
އަހަރަށް މަދަނީ ވައިގެ ދަތުރު ފަތުރުގެ ބައިނަލް އަޤުވާމީ ޖަމްއިއްޔާ ކަމުގައިވާ އައިކާއޯ، އިން ކަނޑައަޅާފައިވަނީ "އެއްވެސް ގައުމެއް ބާކީ ވިޔަ
ނުދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން". މިޝިޢާރެވެ.