ކުޅިވަރު

ރެއާލްއިން އެމްބާޕޭ ގަތުމަށް 160 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިފި


ފްރެންޗް ލީގް އާންގެ ޕެރިސް ސެއިންޓް ޖަރމެއިންއަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ގަތުމަށް ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑުން 160 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިފިއެވެ. އެމްބާޕޭ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރަށް ހަމަވާއިރު އޭނާވަނީ އެއްބަސްވުން އާކުރުމަށް ދެކޮޅު ހަދާފައެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ޕީއެސްޖީ އާއި ގުޅިފައިވަނީ 2017 ވަނަ އަހަރު 165.7 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އެމްބާޕޭ އެއްބަސްވުން އާ ނުކުރުމާއި އޭނާ ދާން ބޭނުންވާނަމަ ޕީއެސްޖީއިން އޭނާ ނުހިފައްޓާނެކަމަށް އެކްލަބުގެ ސްޕޯޓިންގ ޑިރެކްޓަރ ލިއޮނާޑޯ ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޭނާ އިތުރަށް ހާމަކުރިގޮތުގައި ރެއާލް އިން ހުށަހަޅާފައިވަނީ އެކްލަބަށް ގަބޫލް ކުރެވޭނެ އަގެއް ނޫން ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ރެއާލް އިން ހުށަހަޅާފައިވަނީ އެމްބާޕޭގެ މިހާރުގެ އަގާއި ބަލާއިރު ވަރަށް ދަށް އަދަދެއް ކަމަށެވެ. އެމްބާޕޭ ޕީއެސްޖީގައި މިހާތަނަށްވަނީ 174 މެޗްގައި 133 ލަނޑު ޖަހައިދީފައެވެ. އަދި ލީގް އާންގެ ތަށްޓާއި ފްރެންޗް ކަޕްގެ ތަށި ތިން ފަހަރު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. ކޯވިޑް-19 ވައިރަހުގެ ސަބަބުން 300 މިލިއަން ޔޫރޯގެ ގެއްލުންވި ކަމަށް ހާމަކޮށްފައިވާ ރެއާލްއިން މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި މިހާތަނަށް އެކަލަބަށް ގެންގޮސްފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީވެސް ފްރީ ޓްރާންސްފަރ އެއްގައި ބަޔާން މިޔުނިކަށް ކުޅުނު ޑޭވިޑް އަލަބާއެވެ. ނަމަވެސް ރެއާލްގެ މުހިންމު ދެ ކުޅުންތެރިޔަކު ވަނީ އެކްލަބް ދޫކޮށް ގޮސްފައެވެ. މިގޮތުން ސާޖިއޯ ރާމޯސް ފްރީ ޓްރާންސްފަރ އެއްގައި ޕީއެސްޖީ އާއި ގުޅިފައިވާއިރު ރަފައެލް ވެރާންވަނީ މެންޗެސްޓަރ ޔުނައިޓެޑަށް 34 މިލިއަން ޕައުންޑަށް ވިއްކާލާފައެވެ. އަދި މާޓިން އޮޑެގާޑްވަނީ އާސެނަލްއަށް 30 މިލިއަން ޕައުންޑަށް ވިއްކާލާފައެވެ.

ލިއޮނާޑޯ ހާމަކުރިގޮތުގައި އެމްބާޕޭ އެކްލަބްގައި ބެހެއްޓުމަށްޓަކައި ބޮޑު އޮފަރއެއް އޭނާއަށް ހުށަހަޅަފައިވާކަމަށާއި ނަމަވެސް އެކަން ގަބޫލް ކޮށްފައި ނުވާކަމަށެވެ.