ޚަބަރު

މީހުން ބިނާކުރުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 110 މިލިއަން ޖަޕާނީސް ޔެންގެ އެހީއެއް!


އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 110 މިލިއަން ޖަޕާނީޒް ޔެންގެ އެހީއެއް ފޯރުކޮށްދީފިއެވެ.

110 މިލިއަން ޖަޕަނީޒް ޔެން ނުވަތަ 998000 ޑޮލަރުގެ އެހީގެ މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީއެވެ. މިރަސްމިއްޔާތުގައި ހަަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން ޖަޕާނު އެމްބަސީގެ އޮފިޝަލުން ބައިވެރިވިއެވެ.

އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 110 މިލިއަން ޖަޕާނީޒް ޔެންގެ އެހީއެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިކަމާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ މިދިޔަމަހު ސޮއިކުރައްވާފައެވެ.

މިއެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ އެހީ ޚަރަދުކުރާނީ 6 ދަރިވަރަކަށް ފުލީ ފަންޑަށް ސްކޮލަރޝިޕްގެ ފުރުޞަތު ހޯދައިދިނުމަށްކަމަށް ސަރުކާރުން ބުނެއެވެ. މިދިޔަ އަހަރުވެސް ޖަޕާނު ސަރުކާރުން ވަނީ މި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިޖްތިމާއީ ދާއިރާއާއި އިގްތިޞާދީ ދާއިރާއިން ބޮޑެތި އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.