މާލެއާއި އައްޑޫ ސިޓީ ފިޔަވައި އަތޮޅުތަކުގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލުތަކުގައި އަންނަ އަހަރު ޕްރީ ސްކޫލް ފަށާއިރު، އެއްވެސް ކަހަލަ ފީއެއް ނުނަންގަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 2016 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު، އަތޮޅުތަކުގެ ސަރުކާރު ސްކޫލުތަކުން ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ، ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭކަށް ޢަމަލުކުރައްވަން ފެއްޓެވުމާއި ސަރުކާރުގެ ސްކޫލްތަކުގައި ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދެއްވަން ފެއްޓެވުމެވެ. މިބަދަލާއެކު އައްޑޫ ސިޓީއާއި، މާލޭ ސިޓީ ފިޔަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޢުމުރުން ހަތަރު އަހަރާއި، ހަ އަހަރާދެމެދުގެ ކުދިންނަށް ސަރުކާރު ސްކޫލުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު އިބްރާހީމް އިސްމާޢީލް ވިދާޅުވީ، މި ނިންމެވުމާއެކު، އަތޮޅުތަކުގެ ސްކޫލުތަކަށް ގެންނަވަންޖެހިވަޑައިގަންނަވާ ބަދަލުތަކާއި، އެ ސްކޫލުތަކަށް އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ވަންނަން ތިބި ކުދިންގެ ޢަދަދުތައް ބައްލަވަމުން ގެންދަވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ސްކޫލުތަކަށް އަންނާނެ ބަދަލުތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އަތޮޅުތަކުގެ ސްކޫލުތަކަށް އަންގަވާފައިވާކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލުތަކަށް ގެންނަވަން ޖެހިވަޑައިގަންނަވާ ބަދަލުތަކަށް ގާތްގަނޑަކަށް 13.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ." ކްލާސް ރޫމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމާއި، ކުދިންގެ ޕްލޭ އޭރިޔާ ހުންނަންވީ ގޮތާއި، އެ ސްކޫލުތަކަށް އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ، ވަންނަން ތިބިކުދިންގެ އަދަދުތައް ބަލައި، އެ މަސައްކަތްތައް ކުރަމުން މިދަނީ. ސްކޫލުތަކަށްވެސް އަންގާފައިވާނީ އެކުދިން އައުމާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތަކަށް ހިނގާނެ ހަރަދުތައް ހޯދައި، އެކަން ދިރާސާކޮށް، އެކަމުގެ ތަފްސީލް މިނިސްޓްރީއާއި ހިއްސާކުރެއްވުމަށް" އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ވިދާޅުވިއެވެ.އިބްރާހިމް އިސްމާޢިލް ވިދާޅުވީ، މި ބަދަލަކީ އެއްވެސް ޙާލެއްގައި ހުރިހާ ޕްރީ ސްކޫލުތަކެއް ސަރުކާރުގެ ދަށަށް ގެންނެވުމުގެ ވިސްނުންފުޅުގައި ނިންމެވި ނިންމެވުމެއް ނޫންކަމަށެވެ. އަދި އަމިއްލަ ފަރާތްތަކަށާއި ކައުންސިލްތަކަށް ޕްރީ ސްކޫލް ހިންގުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލެވިފައިވާ ކަމަށާއި، އެކަމަށް މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ. "މީގެ މާނައަކީ ހުރިހާ ޕްރީސްކޫލުތަކެއް އަޅުގަނޑުމެން ނެގީކީއެއްނޫނޭ. އަމިއްލަ ފަރާތްތަކަށް ޕްރީސްކޫލު ހިންގޭނެ. އަދި ކައުންސިލްތަކަށްވެސް ޕްރީ ސްކޫލު ހިންގޭނެ. އަދި ޕްރީ ސްކޫލު ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްކަށް މިނިސްޓްރީން އެ ފުރުސަތުވެސް ހޯދައިދޭނެ" އިބްރާހިމް އިސްމާޢިލް ވިދާޅުވިއެވެ. މި ބަދަލާއެކު، އަތޮޅުތަކުގައި ސަރުކާރުން ހިންގަވާ ސްކޫލުތަކުގައި މިހާރުވެސް ކިޔަވައިދެއްވާ އުޞޫލުން އެއްވެސް ކަހަލަ ފީއަކާ ނުލައި ޕްރީ ސްކޫލު ދަރިވަރުންނަށްވެސް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން އަތޮޅުތަކުގެ ސްކޫލުތަކާއި ގުޅިގެން ޕްރީ ސްކޫލުތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.