ކުޅިވަރު

ކަރޕީ އަތުން އޭސީ މިލާނަށް މޮޅެއް ނުވެވުނު


ރެލިގޭޝަން ޒޯންގައި އޮތް ކާރޕީއާއި ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. އިޓާލިއަން ސެރީއޭގައި ރޭ އޭސީ މިލާން އަދި ކާރޕީ ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.މެޗުގައި އޭސީ މިލާނުން ވިހި ހަމަލާ އުފެއްދި ނަމަވެސް ގޯލެއް ޖެހިފައެއް ނުވެއެވެ. މެޗުގައި ދެޓީމުގެ ތަރިންނަށް ވެގެންދިޔައީ ގޯލް ކީޕަރުންނެވެ. މެޗަށް ފަހު އޭސީ މިލާންގެ ކޯޗް ސިނިސާ މިޚަލޮވިޗް ބުނީ ގެއްލިގެން ދިޔައީ ވަރަށް މުހިންމު ދެ ޕޮއިންޓްކަމަށާއި، ޓީމުން އުފެއްދި ހަމަލާތަކަށްބަލާއިރު މެޗުން ތިން ޕޮއިންޓް ހައްގުކަމަށެވެ. މެޗުގައި ހަމައެކަނި މަދުވީ ގޯލެއްކަމަށާއި، އެހެން ހުރިހާކަމެއް އޭނާގެ ޓީމުން ރަނގަޅަށްކުރިކަމަށް މިޚަލޮވިޗް ބުންޏެވެ."އޭސީ މިލާނުން މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު، ރަނގަޅު ހަމަލާތަކެއްވެސް އުފެއްދި. ނަސީބު ނެތިގެން މިރޭގެ މެޗުން މޮޅު ނުވެވުނީ" ކޯޗް މިޚަލޮވިޗް ބުންޏެވެ.އުމުރުން 46 އަހަރުގެ ކޯޗް ބުނީ ލީގުގެ ރަނގަޅު ހިސާބަކަށް ދާން ބޭނުންވާކަމުގައިވާނަމަ މިކަހަލަ މެޗުތަކުން މޮޅުވާން ޖެހޭކަމަށާއި، މި މެޗުތަކުން މޮޅުވާކަމުގައިވާނަމަ ވަރުގަދަ ޓީމްތަކާއި ދެކޮޅަށް ނިކުންނައިރު ޕްރެޝަރެއް ނޯންނާނެކަމަށެވެ.ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު އޭސީ މިލާން އޮތީ އިޓަލިއަން ސެރީއޭގެ ތާވަލްގެ އަށްވަނާގައެވެ. ލީގުގައި އޭސީ މިލާނަށް ކުރިއަށް ދެން އޮތީ ލީގުގެ އެންމެ ފުލުގައި އޮތް ހެލަސް ވެރޯނާއާއި ދެކޮޅަށް ކުޅޭ މެޗެވެ.