ޚަބަރު

ޖޫނިއަރ ކޮލެޖުތައް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި


ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރާ ޖޫނިއަރ ކޮލެޖުތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އިޕޮކް އެސޯސިއޭޓްސްއާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި އެއްބަސްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރ މުއާވިޔަތު ޢަބްދުއްސައްތާރުއެވެ.

ހއ.ދިއްދޫ އާއި ނ.ކެނދިކުޅުދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތުގެ އިތުރަށް އިޕޮކް އެސޯސިއޭޓްސްއާވަނީ ޏ.ފުވައްމުލަކު ސިޓީއާއި ރ.އަލިފުށީގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރ ޑިޒައިން ކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހދ.ކުޅުދުއްފުށީގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރާއި ކ.ތުލުސްދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ޕޮލިޓެކްނިކް މަރުކަޒުގެ ޑިޒައިން މަސައްކަތް ކުރުމަށް ސިއާރކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަރުކަޒުތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި، އެކި ދާއިރާތަކުގެ މާހިރުންގެ އެހީތެރިކަން ލިބިގެން ފަންނުތައް ކުރިއެރުވުންވެސް މިމަރުކަޒްތައް ޤާޢިމް ކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ފަންނީ އަދި ހުނަރުވެރިކަމުގެ ދާއިރާތަކުން ޚާއްސަ މަރުކަޒުތައް ގާއިމުކުރުމަށް އެހީވެދިނުމާއި ރާއްޖޭގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތައް އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގެ ޚާއްސަ ސިފަތަކަށް ރިއާޔަތްކޮށްގެން، މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމް ބައްޓަންކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކުރުންވެސް ހިމެނެއެވެ. އަދި ފެންވަރު ރަނގަޅު ސްޓޫޑަންޓް އެކަމަޑޭޝަންގެ ޚިދުމަތްތައް އެކި އަތޮޅުތަކުގައި ގާއިމުކުރުމާއެކު ސަރަޙައްދުގެ އެހެން ރަށަރަށުން މިމަރުކަޒުތަކަށް ދަރިވަރުން އައިސް ފަސޭހަކަމާއިއެކު ކިޔެވުމުގެ ފުރުސަތު ހޯދުންވެސް މަރުކަޒްތައް ޤާއިމްކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.