ކުޅިވަރު

ޤަތަރުގައި ވޯލްޑްކަޕް ބާއްވަން ތާއީދުކުރަން - ބެކަމް


2022ވަނަ
އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަންޖެހޭނީ ޤަތަރުގައިކަމަށާއި އެކަމަށް އޭނާ
ތާއީދުކުރާކަމަށް އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފިއެވެ. 

ބެކަމް
މިހެން ބުނެފައިމިވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2022 ވަނަ އަހަރު ބޭއްވުމުގެ
ފުރުސަތު ގަތަރުން ހޯދި ގޮތާ މެދު ތަފާތު ވާހަކަތަކެއް ދެކެވެމުންދާ
ދަނޑިވަޅެއްގައެވެ. އަދި 2018 ވަނަ އަހަރާއި 2022 ވަނަ އަހަރު ވޯލްޑްކަޕް ބާއްވާނެ
ގައުމެއް ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ ބިޑިން މަރުހަލާގައި ކޮރަޕްޝަންގެ
އަމަލުތަކެއް ހިނގާފައިވާކަމަށްބުނެ އެ މައްސަލަތައް ސްވިޒަލެންޑާއި އެމެރިކާއިން
ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ. 

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ
ބެކަމް ބުނީ ގަތަރުގައި ވޯލްޑްކަޕް ބާއްވަން ނިންމައި އެކަން މިހާރު
އިއުލާންކޮށްފައިވުމުން އެކަމަށް ފުރުސަތު ދޭން ޖެހޭނެކަމަށާއި، ނިންމުން
ބަދަލްކުރުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއް
ހުރުމަކީ އެކަށީގެންވާކަމެއްކަމަށާއި، އެހެން ނަމަވެސް ވޯލްޑް ކަޕް އާ
ގައުމެއްގައި ބޭއްވިގެން ދިޔުމަކީ އޭނާ ވަރަށް ބޭނުންވާކަމެއްކަމަށް ބެކަމް ބުންޏެވެ.

"ޤަތަރަށް ފުރުސަތު ދޭންޖެހޭނެކަމަށް އަހަރެން ގަބޫލުކުރަން، އާ ގައުމުތަކެއްގައި ވޯލްޑްކަޕް ބާއްވަން އެބަޖެހޭ، އޭރުން ފުޓްބޯޅަ ކުރިއަރާނީވެސް" ބެކަމް ބުންޏެވެ.

 ބިޑް
ކާމިޔާބުކުރީ ރިޝްވަތު ދީގެންކަން ސާބިތުވެއްޖެ ނަމަ ވޯލްޑް ކަޕް ބޭއްވުމުގެ
ފުރުސަތު ގަތަރަށް ގެއްލޭނެކަމަށް މިދިޔަ ޖޫންމަހު ފީފާގެ އޮފިޝަލަކުވަނީ
ހާމަކުރައްވާފައެވެ. 

ގަތަރުގައި ވޯލްޑްކަޕް ނުބާއްވަން ގިނަ ގައުމުތަކުން ބޭނުންވާ
އެއް ސަބަބަކީ ވޯލްޑްކަޕް ބާއްވާ ޖޫން ޖުލައި މަހު ގަތަރަށް އާދަޔާ ޙިލާފަށް
ހޫނުވުމެވެ. އެހެން ނަމަވެސް ފީފާއިން މިހާރުވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު
ވޯލްޑްކަޕް ބާއްވާގޮތަށް ނިންމާފައެވެ.